ޕީސް ކައުންސިލް އުފައްދައިގެން ޓްރަމްޕް ދުނިޔޭގެ ވެރިއަކަށްވާން އުޅުއްވާކަމުގެ ތުހުމަތު
ޕެރިސް (20 ޖަނަވަރީ 2026): ޣައްޒާގެ ދެވަނަ މަރުހަލާގެ ދަށުން އެކުލަވާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވާ "ޕީސް ކައުންސިލް"ގެ މެންޑޭޓްގައި އދ. އެއްފަރާތް ކުރުމަށް ފަހު, ޣައްޒާގެ އިތުރުން ދުނިޔޭގެ މުސްތަގިއްލު ގައުމުތަކުގެ ސިޔާދަތުގެ ތެރެއަށް ވަދެގަތުން ވެސް ހިމެނޭ ކަމަށް ތުހުމަތުކޮށް, އެ ކައުންސިލްގައި ބައިވެރިވުމަށް ފަރަންސޭސިވިލާތުން ފާޅުގައި ދެކޮޅު ހަދައިފިއެވެ. ފަރަންސޭސި ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ޓްރަމްޕް އެކުލަވާލައްވާ ޕީސް ކައުންސިލްގެ މެންޑޭޓްގައި ޣައްޒާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ވެސް ހިމެނިފައިވާއިރު, މިއީ އދ. ގެ ޗާޓަރާ މުޅިން ޚިލާފު ކަމެކެވެ. މިއީ އދ. ގެ ބާރުކަނޑުވާލައި ގައުމުތަކުގެ ސިޔާދަތު ނިގުޅައިގަންނަ ގޮތަށް މި ކައުންސިލްގެ ދަށުން ދުނިޔޭގެ ކަންކަން ބެލެހެއްޓުމުގެ ވިސްނުމުގައި އުފައްދާ ކައުންސިލެއްކަން, މި ކައުންސިލްގެ މެންޑޭޓުން ވަރަށް ރަނގަނޅަށް ހާމަވާކަމަށް ފަރަންސޭސި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އެހެންކަމުން, ފަރަންސޭސިވިލާތުން މި ކައުންސިލްގައި ބައިވެރިއެއް ނުވާނެއެވެ. ފަރަންސޭސި ޚާރިޖީ ވަޒީރު ޖާން ނޮވެލް ޕާރޫ ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވާ "ޕީސް ކައުންސިލް"އަކީ އދ. ގެ ޗާޓަރާ ވަރަށް ބޮޑަށް ފުށުއަރާ އަދި ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމު ނުކުރުމުގެ ވިސްނުމުގައި އުފައްދާ ކައުންސިލެއްކަންވަނީ ހާމަވެފައެވެ. ޔޫރަޕްގެ މަސްއޫލުވެރިންނާ ހަވާލާދީ ބްލޫމްބަގްގައި ބުނި ގޮތުގައި ފަރަންސޭސިވިލާތުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުގެ ވިސްނުން ވެސް ހުރީ ޓްރަމްޕް އުފައްދަވާ ޕީސް ކައުންސިލްގައި ޔޫރަޕް ބައިވެރިނުވާ ގޮތަށެވެ. މި ކަމާ ބެހޭ ގޮތުން ޔޫރަޕްގެ ލީޑަރުންނާ ވަހަކަދެއްކުމަށް އެމެރިކާ ތައްޔާރުވަމުންދާއިރު، މި ވާހަކަތައް ވަރަށް ހޫނުވެފައި، ދެފަރާތުގެ މަސްއޫލުވެރިން ޒުވާބު ކުރާ ހިސާބަށް ކަންތައްތައް ދާނެ ކަމަށް ބްލޫމްބަގްގައި ބުނެފައިވެއެވެ. ޕީސް ކައުންސިލްގައި ބައިވެރިވުމަށް އިންޑިއާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވާފައިވާއިރު އިންޑިއާއިން ވެސް މިކަމަށް އަދި ޖަވާބެއް ނުދެއެވެ. މި ކައުންސިލްގައި ބައިވެރިވުމަށް ދުނިޔޭގެ 60 ގައުމަކަށް ޓްރަމްޕް ދައުވަތު ދެއްވާފައިވާއިރު، ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ހަންގޭރީ ފިޔަވައި އެހެން ގައުމަކުން ޓްރަމްޕްގެ ދައުވަތަށް އިޖާބަ ދީފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ވިސްނުމަކީ ޣައްޒާ ހިންގުމުގެ ނަމުގައި ޕީސް ކައުންސިލެއް އުފެއްދުމަށް ފަހު، އެ ކައުންސިލްގެ ދަށުން ދުނިޔޭގެ އެހެން ގައުމުތައް ވެސް ހިންގުމެވެ. އެ ކައުންސިލްގެ އިސްވެރިއަކަށް ޓްރަމްޕް ހުންނަވައިގެންނެވެ. ޓްރަމްޕް ނިންމަވާފައިވާ ގޮތުގައި ޕީސް ކައުންސިލްގެ ވެރިއަކަށް އޭނާ ހުންނަވާނީ މުޅި އުމުރަށެވެ. ތާއަބަދަށެވެ. ފިންލެންޑްގެ ރައީސް އެލެގްޒެންޑާ ސްޓަބް ވެސް ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ކަންކަމުގެ ތެެރެއަށް ވެސް ވަދެވޭގޮތަށް ޕީސް ކައުންސިލެއް އުފައްދައިގެން ޓްރަމްޕް ކުރައްވަން އުޅުއްވަނީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެހީތެރިޔާ ފަރުހާނުލްހައްގު ވަނީ ދުނިޔޭގެ އަމަނާއި ސަލާމަތާ ސުލްހައާ މިކަންކަން ކުރުމުގެ މެންޑޭޓް އޮންނަނީ އދ.އަށް ކަމަށާއި މިއީ އދ.ގެ ތެރެއިން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެ، ކަންބޮޑުވެވަޑައިގެން ވާހަކަދައްކަވާފައެވެ. ޓްރަމްޕް ވަނީ އޭނާގެ ކުރިމަތީގައި ބައިނަލްއަގުވާމީ ގާނޫނާއި ގަވާއިދު ނޯންނާނެ ކަމަށާއި އޭނާގެ ކުރިމަތީގައި އޮންނާނީ އޭނާގެ އަމިއްލަ އަޚުލާގު ކަމަށް ވިދާޅުވެ މީގެެ ކުރިން ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ