ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ހެދި ބަޖެޓުން ޚަރަދުކުރީ އެންމެ 11 ޕަސެންޓު!
ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގައި މާ ކުރިން އިއުލާނުކޮށް، ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައި ނަން ދިން މިދިޔަ އަހަރުގެ ބަޖެޓުން ބޯހިޔާވަހިކަމަށް ޚާއްސަކުރި ފައިސާގެ 89 ޕަސެންޓް އޮތީ އަތްނުލާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރުގެ ބަޖެޓު ސަރުކާރުން ހުށަހެޅީއިރު ވަނީ ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައި ނަން ދީފައެވެ. ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމުލަ 1.8 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައެވެ. އެއީ، މީގެ ކުރިން ބޯހިޔާވަހިކަމަށް އެއްވެސް ބަޖެޓެއްގައި ޚާއްސަކޮށްފައިވާ އަދަދެއް ނޫން ކަމަށް ވިދާޅުވެ، އެއީ ރިކޯޑެއް ކަމަށް ވެސް ސަރުކާރުން އޭރު ބުންޏެވެ. އެކަމަކު، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް މިއަދު އާންމުކުރިއިރު، އެ ބަޖެޓުގެ ބޮޑުބައި އޮތީ އަތްނުލައެވެ. މިދިޔަ އަހަރުގެ ހިސާބުތައް މިނިސްޓްރީން އާންމުކޮށްފައިވާއިރު، ބޯހިޔާވަހިކަމަށް ޚާއްސަކުރި 1.8 ބިލިއަން ރުފިޔާއިން ޚަރަދުކުރީ އެންމެ 204.5 މިލިއަން ރުފިޔާއެވެ. އެއީ، އެ ކަމަށް ޚާއްސަކުރި ބަޖެޓުގެ އެންމެ 11 ޕަސެންޓެވެ. ބާކީ 89 ޕަސެންޓް އޮތީ އެއްވެސް ވަރަކަށް ބޭނުންނުކޮށެވެ. https://sun.mv/216120 ފާހަގަކޮށްލެވޭ ގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ކުރީގެ ހައުސިން މިނިސްޓަރެއްގެ ހައިސިއްޔަތުން ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ގިނައިން ވައުދުވެލެއްވީ ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. މި އަހަރުގެ ބަޖެޓު ހުށަހެޅި ދުވަހު އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވެސް ރައީސް ވަނީ މި ބަޖެޓަކީ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށް އިއުލާނުކުރައްވާފައެވެ. "އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ހަމަ ހަގީގަތުގައި ތަންފީޒުވެގެންދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަށް. ތިބޭފުޅުންނަށް އެންމެ މުހިންމީ ގެދޮރުވެރިކަން،" އެ ދުވަހު ރައީސް ވިދާޅުވިއެވެ. މުޅި މި ސަރަހައްދުގައި ވެސް ދިރިއުޅުމުގެ ޚަރަދު އެންމެ ބޮޑީ ރާއްޖޭގައި ކަމަށް ހިސާބުތަކުން ދައްކާއިރު އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅެނީ ބޮޑު ކުލި ދައްކައިގެން މާލޭ ސަރަހައްދުގައެވެ. ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ވެސް ދަށްވެ، ދޮށީ އާބާދީއަކަށް މިސްރާބު ޖަހާފައިވާއިރު ދިވެހީން ގިނަ ދަރީން ނުހޯދާ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ވެސް ބޯހިޔާވަހިކަމާއި މާލީ ނުތަނަވަސްކަން ހިމެނޭ ކަމަށް ސާވޭތަކުން ދައްކައެވެ. އެހެންވެ، ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް ވަރަށް ބޮޑު މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ