ސްޕްރީމް ކޯޓަށް ގޮންޖައްސަވައި، އަލުން 10 ޕަސަންޓް ޓެރިިފް ނަގާނެ ކަމަށް ޓްރަމްޕް ވިިދާޅުވެއްޖެ

ބޭރުގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަކީ ޣައިރު ގާނޫނީ ފިޔަވަޅުތަކެއް ކަމަށް އެމެރިކާގެ ސްޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް ގައުމުތަކުގެ މުދަލުން އަލުން 10 ޕަސަންޓް ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ ކޯޓުން އުވާލި ޓެރިފްގެ ބަދަލުގައި އެމެރިކާއަށް އަންނަ ހުރިހާ މުދަލުން 10 ޕަސަންޓު ޓެރިފް ނަގާނެ ކަމަށެވެ. ނަމަވެސް ވިޔަފާރީގެ ގާނޫނުގެ ދަށުން ހުއްދަ ކުރެވޭ އެންމެ ބޮޑު މިންވަރަށް ޓެރިފް އިތުރުކުރާނެ ކަަމަށް އެމަނިކުފާނުގެ ޓްރަތް ސޯޝަލް މީޑިއާގައި ޓްރަމްޕް އިއްޔެ ވަނީ ވިދާޅުވެފައެވެ. އާ ރޭޓަށް އަމަލުކުރެވޭނީ ފަސް މަސް ދުވަހުގެ މުއްދަތަށެވެ. ދިހަ ޕަސަންޓް ޓެރިފަށް އަމަލުކުރަން ފަށާނީ އަންނަ އަންގާރަ ދުވަހެވެ. ރިޕޯޓްތައް ބުނާގޮތުން ޓެރިފްގެ މިންވަރު 10 އިންސައްތައަށް ވުރެ މަތިނުވާ ގޮތަކަށް ހުރިހާ ގައުމެއް ހަމަމަވާގޮތަށް އިމަޖެންސީ ހާލަތެއްގައި 10 އިންސައްތައިގެ ނޫނީ އެއަށްވުރެ ދަށުގެ ޓެރިފްގެ ފިޔަވަޅު އެޅުމުގެ ބާރު "އައިއީއީޕީއޭ" ގާނޫނުގެ ދަށުން ޓްރަމްޕަށް ލިބިވަޑައިގަންނަވައެވެ. އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ނެގުމަށް ޓްރަމްޕްގެ ސަރުކާރުން އެޅި ފިޔަވަޅުތަކަކީ ކޮންގްރެސް ގެ ހުއްދަނެތި އެމެރިކާގެ ރައީސަކަށް އެޅުއްވޭނެ ފިޔަވަޅުތަކެއް ނޫން ކަމަށް ސްޕްރީމް ކޯޓުން އިއްޔެ ނިންމީ ނުވަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުކުމްގައި ބުނީ، އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓު (އައިއީއީޕީއޭ)ގެ ދަށުން، ޓެރިފް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. ޓްރަމްޕް ޓެރިފް ފިޔަވަޅުތައް އެޅުއްވީ އެމެރިކާގެ ގާނޫނެއްކަމަށްވާ އިންޓަނޭޝަނަލް އެމަޖެންޖީ އެކޮނޮމިކް ޕަވަރސް އެކްޓް (އައިއީއީޕީއޭ)ގެ ދަށުން އެމަނުކުފާނަށް އެކަމަށް ފުރުސަތު ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ސްޕްރީމްގެ ކޯޓުގެ ހުކުމާއެކު ޓްރަމްޕް ވަނީ ފަނޑިޔާރުންނަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެފައެވެ. "އެ ބޭފުޅުންގެ ކިބައިގައި ގައުމިއްޔަތުކަމެއް ނެތް އަދި ގާނޫނު އަސާސީއަށް ވަފާތެރިއެއް ނޫން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މޮޔައިން ކަމަށް އަދި ކުއްތާގަނޑެއްގެ ގޮތުގައި ވެސް ސިފަކުރައްވަމުން ޓްރަމްޕު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ