ސަރުކާރުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" މަޝްރޫއުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީން ފްލެޓަށް އެދި ހުށަހަޅާއިރު އެ ފަރާތްތަކުގެ ހާލަތު ސާބިތުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ބަލައިގަންނަ ގޮތަށް ހައުސިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު ފޯމު ހުށަހަޅާ ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ސާބިތުކުރުމަށްޓަކައި އިތުރު މެޑިކަލް ލިޔެކިޔުންތަކާއި ޑޮކްޓަރުންގެ ސެޓްފިކެޓްތައް ހޯދުމުގެ ބަދަލުގައި، އެންސްޕާގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުމުން ފުދޭނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ދޫކުރާ 7،900 ފްލެޓްގެ ތެރެއިން 100 ފްލެޓް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ކަނޑައަޅާފައެވެ. މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، ޒުވާނުންނަށް 250 ފްލެޓް، އަދި އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނިމުނު މާޗު މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހެވެ.
ހުރިހާ އެޕްލިކޭޝަނެއްވެސް ހުށަހަޅަންޖެހެނީ ހައުސިން ޕޯޓަލް މެދުވެރިކޮށެވެ.
ފްލެޓަށް އެދުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންސްޕާ ކާޑު ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ