ސުކޫކް އަނބުރާ ދެއްކުމުން އެނގިގެންދިޔައީ، ތައާރަފްކުރި ސިޔާސަތްތަކުގެ ނަތީޖާ: ފިނޭންސް

ރާއްޖެއިން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކް އެއްފަހަރާ އަނބުރާ ދެއްކުމުން  އެނގިގެންދިޔައީ ސަރުކާރުން ތައާރަފްކުރި މާލީ ސިޔާސަތުތަކުގެ ނަތީޖާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މާލީ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ހާމަކުރަމުން ފިނޭންސް މިނިސްޓްރީން ބުނީ، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެފައިވާ ކަންކަމަށެވެ. 
މިނިސްޓްރީން ބުނީ މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުބަރަދު ހުރިގޮތަށް ބަލާއިރު، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 12.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސްއަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 1.8 ބިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު، މިއަހަރ 2.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައިވާކަަށް ފިނޭންސުން ވަނީ ފާހަގަކޮށްފައެވެ.
ފިނޭންސުން ބުނީ މި
މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، 500 މިލިއަން
އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68
މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރުންކަމަށެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް
ބޭނުންކޮށްގެންނެވެ. މިއީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށާއި، ދަރަނި ދެއްކުމުގެ
ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ މިއީ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށާއި ރާއްޖޭގެ ބޭރުގެ މާލީ ހާލަތު
ރަނގަޅުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ތައާރަފުކުރި ސިޔާސަތުތަކުގެ
ނަތީޖާ ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި
މަނިޓަރީ ސިޔާސަތަށް ގެނައި ބަދަލުތައް ހިމެނެއެވެ. ހާއްސަކޮށް، ބޭރު ފައިސާއާ
ބެހޭ ގާނޫނާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރުން ލާޒިމުކުރާ ގަވާއިދުތައް
ތަންފީޒުކުރުން ހިމެނެއެވެ.
ސަރުކާރުން ބުނީ މި ސިޔާސަތުތަކުގެ ސަބަބުން މިއަހަރުގެ މާޗްމަހުގެ ގެ ނިޔަލަށް
ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާ
ޖަމާކުރެވި، ސުކޫކް އަނބުރާ ދެއްކުމަށް މަގުފަހިވެގެންދިޔަކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ