ރައީސް ދެއްކެވީ ރީތި ނަމޫނާއެއް: ޝުޖާއު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ބަލައިގަނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ ރީތި ނަމޫނާއެއް ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ރޭ ވަނީ އިންތިހާބުގެ ނަތީޖާ ބަލައިގަންނަކަން ހާމަކުރައްވައި، ރަނގަޅު ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ ވެރިއެއް ކަމަށާއި އަދި އެކަން އަމަލުން ދައްކަވަމުން ގެންދަވާ ވެރިއެއް ކަމަށެވެ. ރައީސް މުއިއްޒަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ފަރިތަ ޑިމޮކްރަސީއަށް ލޯބިކުރައްވާ ވެރިއެއް ކަމަށާއި މިނިޒާމުގައި ރައީސް ދައްކުވައި ދެއްވީ ރައްޔިތުންގެ ނިންމުމަށް ވެރިޔަކު އިޚްތިރާމް ކުރައްވާ މިންވަރު ކަމާއި އެއީ މާތް ސިފައެއް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ކުރިން މަސައްކަތް ކުރި ވެރިމީހާއަށް އެންމެ އުނދަގޫވެފައި އޮންނަނީ ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރުމަށް. އޭގެ ބަދަލުގައި އެބޭފުޅާ އަންނަނީ ރައްޔިތުން ދެކެ ރުޅި. ދައްކަވަނީ ފުސް މޫނު،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ރައީސް ދެއްކެވި ރިވެތި ނަމޫނާއިން އެމަނިކުފާނު ރައްޔިތުންނަށް ކުރާ އިޚްތިރާމާއި ލޯބި ދައްކުވައި ދެއްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފަޅީގައި ރައީސް ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށާއި އޭނާ ވާނީ ރައީސްގެ ސިޔާސަތައް ފުރިހަމައަށް ތާޢިދުކުރާ މީހަކަށް ކަމަށްވެސް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމު ވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކުރައްވާފަ އެވެ.
އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ