"ސަރުކާރުގެ ވާޖިބަކީ އެންމެ ކުޑަ އަގެއްގައި ރައްޔިތުންނަށް، ތަކެތި ގަންނަން ލިބޭނެގޮތް މަގުފަހި ކޮށްދިނުން"
ސަރުކާރުގެ ވާޖިބަކީ ވިޔަފާރިވެރިން ގެންނަ ތަކެތި، އެންމެ ކުޑަ އަގުގައި ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަންކަން ފަހިކޮށް ދިނުންކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނަކާއި ޑިއުޓީ ފްރީ ޒޯނުގެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް އަންނަ އަހަރު ބަދަލު ކުރެވޭނެކަން ފާހަގަ ކުރައްވާ ވިދާޅުވީ މިއީ ރާއްޖޭގެ ވިޔަފާރި އަށް މި ފަހަކަށް އައިސް އަންނާނެ އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. އެ ކަން ކުރިއެރުމަކަށް ވަނީ ތިލަފުއްޓަށް ބަދަލުވާތީ ނޫން ކަމަށާއި، ކުރިއެރުމަކަށް ވަނީ ޖާގަ އޮތް ތަނަކަށް ބަދަލުވާތީކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މިހާރު ވިޔަފާރިވެރިންނަށް އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމުން މުދާ ނުބޭލި ގިނަ ދުވަސްތަކެއްވާންޖެހޭ މައްސަލަކަމަށެވެ. އޭގެ ސަބަބުން ބައެއް ކަހަލަ މުދާ ހަލާކުވެ، މުދަލުގެ ފެންވަރަށް ބަދަލު އައުމުގެ އިތުރުން އެކިއެކި ފީތަށް އަރައި މުދަލުގެ އަގަށް ވެސް ބޮޑެތި ބަދަލު ތަކެއް އަންނަކަމަށް ވިދާޅުވިއެވެ. ވިޔަފާރި ކުރުމުގައި ބަލާނީ އެންމެ ކުޑަ އަގެއްގައި ވިޔަފާރީގެ ޚިދުމަތް، ރައްޔިތުންނާ ހަމައަށް ގެނެސް ދިނުން. މާކެޓަށް ނެރުމުގައި އެ އަގުތަކާއި ވަސީލަތްތައް ހުރޭތޯ ޔަގީން ކުރުން. ސަރުކާރުގެ ވާޖިބަކީ އެކަމަށް މަގުފަހިކޮށްދިނުން. ސައީދު ވިދާޅުވީ ތަކެތީގެ އަގަށް އަންނަ ބަދަލުތައް މެނޭޖުކުރުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، މުދާ ނުބޭލި ގިނަ ދުވަސްވާން ޖެހުމުން އެކަމުގެ ގެއްލުން ވިޔަފާރުތަކަށް ކުރާކަމަށެވެ. އެކަމުގެ ސަބަބުން ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަކަމަށާއި އެކަމަށް ހައްލެއް ލިބޭނީ ޖާގަ އޮތް ތަނަކަށް، ވިޔަފާރި ބަނދަރު ބަދަލު ކުރެވިގެން ކަމަށެވެ. މިނިސްޓަރު ސައީދު މި މޭރަމުން ވާހަކަފުޅު ދެއްކެވި ނަމަވެސް، މި ފަހުން ސަރުކާރުން އަންނަނީ އަމިއްލަ ވިޔަފާރިވެރިން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ވިޔަފާރިތަކަށް ވަންނަމުންނެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް މޭވާއާއި ތަރުކާރީގެ ގިނަ ބާވަތްތަކެއް ގެންނަން ފެށިއިރު، ރާއްޖޭގެ ދަނޑުވެރިން ހައްދާ ބާވަތްތައް ވެސް އޭގެ ތެރޭ ހިމެނެއެވެ. އޭގެ ސަބަބުން ދަނޑުވެރިންގެ ވިޔަފާރިއަށް ނޭދެވޭ އަސަރެއް ކުރާނެކަމަށް އެމީހުން ބުނެއެވެ. އަދި މޭވާ އާއި ތަރުކާރީ ވިޔަފާރީގައި މަސައްކަތްކުރާ އަމިއްލަ މީހުންނަށް ވެސް ގެއްލުންވުމުގެ ޝަކުވާ ބޮޑެވެ. މީގެ އިތުރުން މިހާރު ސަރުކާރުން އިއުލާން ކޮށްފައި އެވަނީ، ރާއްޖޭގެ ގިނަ ކުންފުނިތަކެއް ހިއްސާވާ ފަތުރުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަނުމަށެވެ. ސަރުކާރުގެ މި ސިޔާސަތުތަކާއި ހުރެ، ވިޔަފާރިވެރިން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ