ގާނޫނާ ހިލާފު ކަމެއް ނުކޮށްގެން އެންމެ ވޯޓެއް ނުދިނަސް މައްސަލައެއް ނެތް: އާޒިމް

ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، އެފަދަ ކަމެއް ނުކޮށްގެން ވޯޓެއް ނުދިނަސް މައްސަލައެއް ނެތް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލެ ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވާ ރައްޔިތުންގެ ބައްދަލުވުން މިރޭ ވަނީ ބާއްވާފަ އެވެ. މިއީ މި ސިލްސިލާގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމެވެ.
އެ ބައްދަލުވުމުގައި ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމާއި ގަރާޖު ސިޓީއަށް ސަލާން ޖެހުމުގެ މައްސަލައިގައި އާންމު ރައްޔިތަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބުނީ ކީކޭ؟ - ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އޭނާ އާއި ކައުންސިލުން ވެސް ކަންކަން ކުރަނީ ގާނޫނުގައި އޮތް ގޮތަށް ކަމަށާއި ވޯޓެއް ނުލިބުނަސް ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
"ގާނޫނާ ހިލާފު ކަމެއް ކޮށްގެން ވޯޓެއް ބޭނުމެއް ނެތް. މައްސަލައެއް ނެތް އެންމެ ވޯޓެއް މީހަކު ނުދިނަސް، ގާނޫނާ ހިލާފު ކަމެއް އަޅުގަނޑު ނުކޮށްގެން،" އާޒިމް ވިދާޅުވި އެވެ.
އުޅަނދު ރަޖިސްޓްރީކުރުމުގައި ދަތިތަކެއް ދިމާވަނީ، އާޒިމް ވިދާޅުވި ގޮތުގައި ގާނޫނު އޮތް ގޮތުންނެވެ.
"ގާނޫނުގައި އޮންނަނީ ހަތަރު ފުރޮޅު ވެހިކަލްއަކަށް ގަރާޖު ސިޓީ ލިބޭނީ ގަރާޖެއް އޮތީމައޭ. ގާނޫނުގައި އޮތް ވާހަކައެއް އެއީ. އެއީ އަޅުގަނޑުމެން މާލެ ސިޓީ ކައުންސިލުން ކުރާ ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން، މާލެ ސިޓީ ކައުންސިލްގެ 18 މެމްބަރުންނާއި އަޅުގަނޑާއި، އަޅުގަނޑުމެން އެއްވެސް މީހަކު ގާނޫނުން ބޭރުން ކަމެއް ނުކުރާނެ. ނުވެސް ކުރެވޭނެ."
އެހެން ނަމަވެސް، އާންމުންގެ ފަރާތުން އުޅަނދު ރަޖިސްޓްރީ ކުރުމުގައި ލުޔެއް ދޭން ހުށަހެޅި ހިިޔާލު ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ