ދަރިވަރުންނަށް މިނިސްޓްރީން އިހުމާލުވިކަމުގެ ރިޕޯޓެއް، ބައެއް ދަރިވަރުންނަށް ފައިސާ ނުލިބި 4 މަސް!
ލޯން އަދި ސްކޮލާޝިޕްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ވެފައިވާ އިހުމާލުތަކުގެ ރިޕޯޓެއް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ)، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރް އަޙްމަދަށް ފޮނުއްވައިފިއެވެ. މި ރިޕޯޓުގެ ވާހަކަ ކުޑޫ ފާހަގަކުރެއްވީ ވަޒީރަށް ފޮނުއްވި ސިޓީއެެއް، މިއަދު އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވަމުންނެވެ. މި ރިޕޯޓު ބިނާވެފައިވަނީ ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭ ދެ ލިޔުމެއްގެ މައްޗަށް ކަމަށް ކުޑޫ ވިދާޅުވިއެވެ. ލިޔުން 1: ފައިސާގެ މުއާމަލާތްތަކާއި އިދާރީ ލަސްވުންތައްމި ލިޔުމަކީ މިނިސްޓްރީއަށް ހުށަހަޅާފައިވާ ފައިސާގެ އެކި މުއާމަލާތްތައް ލަސްވަމުންދާ ގޮތް ތަފްސީލުކޮށްދޭ ރެކޯޑްތަކެއް ކަމަށް ކުޑޫ ވިދާޅުވިއެެވެ. މީގެ މައިގަނޑު މުހިންމު ނުކުތާތަކަކީ:• ސްޓައިޕެންޑް ލަސްވުން: ގިނަ އަދަދެއްގެ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބި ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.• ރީއެމްބާސްމަންޓް: ޓިކެޓް ފައިސާ އާއި އެހެނިހެން ޚަރަދުތަކުގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރުވެސް ފައިސާ ޖަމާވެފައިނުވާ ފާހަގަކޮށްފައިވެއެވެ.• މުޢާމަލާތް ކުރުމުގެ ދަތިކަން: މިނިސްޓްރީއިން އީމެއިލްތަކަށް ޖަވާބު ނުދޭކަމާއި، ވަޓްސްއަޕް މެދުވެރިކޮށް ދެނީ ވަރަށް ނުސާފު ޖަވާބުތަކެއްކަން ފާހަގަކޮށްފައިވެއެވެ.• ދިރިއުޅުމުގެ ދަތިތައް: ފައިސާ ލަސްވުމުގެ ސަބަބުން ކުލި ދެއްކުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ނެތި ދަރިވަރުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުން ކަމަށް ބުނެފައިވެއެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ) ---ފޮޓޯ/ މަޖިލިސް ލިޔުން 2: ދަރިވަރުންގެ ތަޖުރިބާތަކާއި ނިޒާމީ އިހުމާލުތައް މި ލިޔުމަކީ އެކި ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް އެކުލެވޭ ތަފްސީލީ ލިޔުމެއް ކަމަށް ކުޑޫ ވިދާޅުވިއެވެ. މީގެ މައިގަނޑު މުހިންމު ނުކުތާތަކަކީ: • ސްޓައިޕެންޑްގެ މިންވަރު ކުޑަވުން: މިހާރު ދެވޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށްވުމުން، މިހާރުގެ އިންފްލޭޝަންއާއި ގުޅިގެން އެ ފައިސާއިން ޚަރަދުތައް ހަމަނުޖެހޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.• ޔުނިވާސިޓީތަކުގެ ފިޔަވަޅުތައް: މިނިސްޓްރީއިން ކޯސް ފީ ނުދެއްކުމުގެ ސަބަބުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ އެކައުންޓުތައް ސަސްޕެންޑްކޮށް، ނަތީޖާ ނުފެނުމާއި ކްލާސްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވުމުގެ މައްސަލަތައް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ބައެއް ދަރިވަރުންގެ ސްކޮލަޝިޕް ކެންސަލްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ • އިދާރީ ބާގަނޑުތައް : ދަރިވަރުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ގެއްލުމާއި، އެއް ލިޔުމެއް ތަކުރާރުކޮށް ހުށަހަޅަން އެންގުމާއި، އަދި ކަމާބެހޭ މުވައްޒަފުންނާއި ބައްދަލުނުވުން ފަދަ މައްސަލަތައް ރިޕޯޓުގައި ހިމެނެއެވެ. • އިތުބާރު ގެއްލުން : މިނިސްޓްރީގެ މަސައްކަތްތައް ހުރި ގޮތުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ސަރުކާރުގެ ނިޒާމަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައިކަން ފާހަގަކޮށްފައިވެއެވެ. • މުއާމަލާތުގެ ނިޒާމް : ފޯނު ނުނެގުމާއި، ދަރިވަރުން "ސީން" ކުރުމަށްފަހު ޖަވާބު ނުދިނުމަކީ އާންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަގުތުން ވަގުތަށް އިސްލާހުކޮށް، ދަރިވަރުންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލު ހޯދައިދޭންޖެހޭ ކަންކަން ކަމަށް ކުޑޫ ވިދާޅުވިއެވެ. އެހެންކަމުން, މިކަމަށް އަވަސް ހައްލެއް ހޯދައި، ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ޖަވާބެއް ދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. ދަރިވަރުންގެ ސްޓޫޑެންޓް ލޯނު ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. ޚާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވުމުގެ މައްސަލަ އޮތީ ބޮޑުވެފައެވެ. https://www.sun.mv/213665 އެ ކަމާ ގުޅޭގޮތުން އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ, ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށެވެ. އޭގެ ފަހުން މެއި 13 ވަނަ ދުވަހު ވެސް މަޖިލީހަށް ވަޑައިގެން ހައިދަރު ވަނީ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި އެ ކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އޮކްޓޯބަރު މަހުގެ ކުރިން ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ އޮކްޓޯބަރު މަހު ނިންމަން ބުނި ޚާއްސަ މޮބައިލް އެޕްލިކޭޝަން، އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ނުނިމި އޮއްވައި މިނިސްޓްރީން އަލުން އާ މުއްދަތެއް ވަނީ ދީފައެވެ. މިނިސްޓްރީން ބުނީ މިވަގުތު ކުރަމުންދާ މަސައްކަތަކީ އެ އެޕްގެ ޓެސްޓިން މަރުހަލާ ކަމަށެވެ. އެހެން ނަމަވެސް، އަދިވެސް މި އެޕް ނިންމާފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ