"ދިރިތެޅޭ މީހުން"ގެ ދަފުތަރެއް އެކުލަވާލުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ސިލްސިލާ ބައްދަލުވުންތަކުގައި ފާހަގަވި އެއް ކަމަކީ މާލޭގައި ދިރިއުޅޭ އާދައިގެ ދިވެހިރައްޔިތުންގެ ނިކަމެތިކަމެވެ. މިއީ އާންމުކޮށް ހަދާ ދިރާސާތަކުން ދައްކާ މަންޒަރުތަކާ ވެސް މުޅިން ޚިލާފު ހަގީގަތްތަކެއް ނިއުޅިގެންދިޔަ ބައްދަލުވުންތަކެކެވެ. ޚާއްޞަކޮށް މާލޭގައި ދަރިންނާއި މައިންބަފައިން ގޮވައިގެން އަންހެނުން ކުރާ ހިތްދަތި، ނިކަމެތި، އަނިޔާވެރި ތަޖުރިބާތަކެވެ. އެއަށް ކިޔާނެ "ދިރިތެޅުން" ނޫން ބަހެއް ނޯންނާނެއެވެ. އެތައް ރައްޔިތެއްގެ ހިތްދަތި ވޭނީ ކެކުޅުންތަކާއި ތަހައްމަލުކުރާ އަނިޔާވެރި، ބޭއިންސާފު ހިމޭން ދިރިތެޅުމުގެ ވާހަކަ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ އެކު – އެ މަނިކުފާނުގެ ކެބިނެޓާއި، މާލޭ ސިޓީ ކައުންސިލްގެ ޑިޕިއުޓީ މޭޔަރާއި ހިޔަނި ކެބިނެޓުގެ ގޮތުގައި ރާއްޖޭގައި ބެލެވޭ ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނައި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާ ހިންގާމީހުންނާއި، ރައްޔިތުން ހިމެނޭހެން – މުޅިގައުމު އަޑުއަހައިފިއެވެ. ދިރިތެޅޭމީހުންގެ ހިތްދަތި ދިރިއުޅުން އެހާ ތަފުސީލުކޮށް، އަދި އެހާ ހާމަކަންބޮޑުގޮތަކަށް ބަޔާންކުރެވިފައި ނެތަސް – މާލޭގައި ކުއްޔަށް ހިފައިގެން ތަންތަނުގެ ގާތްގަނޑަށް 50 އިންސައްތަ ގޭބިސީތަކަށް މަހަކު 13،000 ރުފިޔާއަށް ވުރެ ބޮޑު ކުއްޔެއް ދައްކާކަމާއި (ހިއެސް 2019) / މާލޭގެ ގާތްގަނޑަކަށް 63 އިންސައްތަ ގޭބިސީއަކީ ކުއްޔަށް މީހުން އުޅޭ ތަންތަންކަމާއި، ގޭބިސީގެ ޚަރަދުގެ 23 އިންސައްތައަކީ ކުއްޔަށް ކުރާ ޚަރަދުކަން (ރެންޓަލް ސާވޭ 2019 – 2020) / އަދި، މާލޭގައި އެވްރެޖް ކުއްޔަކީ 14،364.00 ރުފިޔާކަން (ބޯހިމެނުން 2022) ކުރިން ވެސް އެނގެއެވެ. މި ހިސާބުތަކަށް ބަލާއިރު އާދައިގެ ދިރިއުޅުމަކަށް ވެސް، ރާއްޖޭގެ މެދުމިނުގެ ތިރީފަންތީގެ އާމްދަނީއެއް ލިބޭ 4-5 މީހުން ގޭބިސީއެއްގައި ތިބެންޖެހޭނެއެވެ. އެހެންކަމުން ތޮއްޖެހުމާއި ހާސްކަމާއިނުތަނަވަސްކަމާއި ހަމަނެޖެހުމާއިތުރާ ގޭބިސީތަކުގައި އޮންނާނެވަރު އޮތީ ހިތަށްގެނައުމެއް ނޫންތޯއެވެ. ދިރިއުޅެމުންމިދަނީ ކާރިސާތަކެއްގެ މޯހިރުގައި ނޫންތޯއެވެ. އެއަށް ކިޔާނެ "ދިރިތެޅުން" ނޫން ނަމެއް އޮންނާނެތޯއެވެ؟ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ވެސް އެނގޭ ގޮތުގައި، މާލޭގައި ހަމަޖެހިގެން ގޭތެރޭގެ މާހައުލުން އުފާވެރިކަން ލިބިގެން އުޅެނީ މަދު ޒުވާނެކެވެ. އެކުދިން، ގޭތެރޭގެ ހާސްކަމާއި ނުތަނަވަސްކަމުން އެކަހެރިވުމަށްޓަކާ، ގިނަވަގުތު ހޭދަކުރަނީ މަސައްކަތް ކުރާ ތަނެއްގައި ނުވަތަ ގެއިން ބޭރުގައި ކޮފީ ފަދަ ކަންކަމުގެ ތެރޭގައެވެ. https://sun.mv/215420 ދިރިތެޅުމާއި އަންހެނުން ކުރިން މިދެންނެވި ދިރިތެޅުމުގެ އެންމެ ފުން އަދި ހިތްދަތިކަމާ ކުރިމަތިލާންޖެހޭ އެއްބަޔަކީ އަންހެނުންނެވެ. ދިވެހިރާއްޖޭގެ އަންހެނުން ހާލަތު (ޔޫއެންއެފްޕީއޭ، 2018) ގައި ބުނާގޮތުން އަންހެނުންނަށް ކުރާ ގެވެށި އަނިޔާދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އަދި, އެފްޕީއޭގެ ތަފާސްހިސާބުތަކާ ހަވާލާދީ ބުނެފައިވަނީ ރިޕޯޓުކުރެވޭ ގެވެށިއަނިޔާގެ 82 ޕަސަންޓަކީ އަންހެނުން ތަޖުރިބާކުރާ އަނިޔާވެރިކަން ކަމުގައެވެ. އަދި ހަމަ މިރިޕޯޓުގައި ބުނެފައިވާގޮތުގައި އަންހެނުން – ފިރިހެނުންނާ ޚިލާފަށް، ދުވާލަކު ހަ ގަޑިއިރު ގޭތެރޭގެ މަސައްކަތުގައި ހޭދަކުރެއެވެ. މީގެ ތެރޭގައި ކުދިންބެލުމާއި މުސްކުޅި މައިންބަފައިންނަށް އަޅާލުމަށް ހޭދަކުރާ ވަގުތު ހިމެނެއެވެ. އަދި އޯސީއެޗްއާރުގެ މިޝަންއިން ކުރާ ދަތުރުނިންމާލުމަށް ފަހު ދޭ ބަޔާން (އޯސީއެޗްއާރު ވާރކިންގ ގްރޫޕް، 2022)ގެ ރިޕޯޓުގައި ބުނެފައިވަނީ އަންހެނުންނާއި ފިރިހެނުންގެ އާމްދަނީގެ ބޮޑު ފަރަގެއް އުޅޭކަމަށެވެ. އެގޮތުން އަންހެނަކަށް މަހަކަށް ލިބޭ އާމްދަނީ 7،510.00 ރުފިޔާގައި އުޅޭއިރު – ފިރިހެނަކަށް ލިބޭ އާމްދަނީ އުޅެނީ 11،977.00 ރުފިޔާގައެވެ. އަދި އަންހުނުންނަކީ މީހުންގެ ދިމާކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވެސް އެންމެ ގިނައިންވާ މީހުންނެވެ. މާލޭގެ އަންހެނުން އެންމެ ބޮޑަށް ކުރިމަތިލާން ޖެހޭ މައްސަލައަކީ ވެސް ގެދޮރުގެ ދަތިކަމެވެ. މުސާރައިގެ ބޮޑު ބައެއް ކުއްޔަށް ދާކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން، އެއްބައްދަލުވުމެއްގައި މަންމައެއް ޝަކުވާކުރި ގޮތުން، "މުސާރަ ލިބޭތާ ދެ ދުވަސް ނުވަނީސް ކުއްޔަށް ބޮޑު ބައެއް ދާނެ. ދެން ބާކީ ހުންނަ ފައިސާއިން މަހު ނުނިމޭ،" މިއީ އެތައް އާއިލާއެއްގެ ހާލަތެވެ. ވަކިން ޚާއްޞަކޮށް، އެކަނިވެރި މައިންނާއި، ކުޑަ އާއިލާތަކަށް ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދަތި ހާލަތެއްގައެވެ. އެކަނިވެރި މަންމައެއްގެ ހިތާމަވެރި އެއް ވާހަކަ އަކީ، "އަޅުގަނޑުގެ ތިން ކުދިންނާއެކު ދިރިއުޅެން ޖެހިފައިވަނީ އެންމެ ކޮޓަރިއެއްގައި. ރޭގަނޑު ކުދިންނަށް ނިދަން ވެސް ރަނގަޅު ތަނެއް ނެތް. ކިޔަވަން ބޭނުންވިޔަސް ހަމަހިމޭން މާހައުލެއް ނެތް،" މިކަމުގެ ސަބަބުން ކުދިންގެ ކިޔެވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކުރިއެވެ. ބައެއް ފަހަރު ވަޒީފާއިން ވަކިވެ، ކުލި ދައްކަން ނުކުޅެދިގެން، އެތައް ބަޔަކު އެކުގައި ދިރިއުޅެން ޖެހޭ ހާލަތުތައް ވެސް ދިމާވާ ކަމަށް ބުނެފައިވެއެވެ. މި ހުރިހާ ދަތިތަކެއްގެ ތެރެއިން، އިޖުތިމާޢީ މައްސަލަތަކާއި ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަމުންދާކަން އެތައް އަންހެނަކު ފާހަގަކުރިއެވެ. މަސްތުވާތަކެތީގެ ވަބާއާއި، ކުށުގެ ޢަމަލުތައް ގިނަވުމުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވާކަމަށް ބައެއް މައިންނާއި އަންހެނުން ފާހަގަކުރިއެވެ. "ކުދިން މަގުމައްޗަށް ނެރެންވެސް ބިރުގަނޭ. މަސްތުވާތަކެތީގެ މީހުން އުޅޭތަން ފެނޭ. ކުދިންނަށް ރައްކާތެރި މާހައުލެއް ބޭނުން،" މަންމައެއްގެ އަޑުގައި ހާސްކަން އެކުލެވިގެންވިއެވެ. މިކަމުގެ ސަބަބުން އާއިލާތަކަށް ނަފުސާނީ ގޮތުން ބޮޑެތި ބުރަތަކާ ކުރިމަތިލާން ޖެހެއެވެ. މި އަންހެނުންގެ ވާހަކަތަކުން ދައްކުވައިދިނީ، އެމީހުން ދިރިއުޅެމުންދާ ހާލަތަކީ ހަމައެކަނި ދިރިއުޅުމެއް ނޫންކަމެވެ. މިއީ ދިރިހުރުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ނިކަމެތިކަމާއި ދަތިކަމުގެ ތެރެއިން ތެޅިތެޅި އުޅެން ޖެހޭ ހާލަތެކެވެ. ސަރުކާރުން މިކަންކަމަށް ހައްލުތަކެއް ހޯދައިދީ، އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމަށް އެބޭފުޅުންތިބީ އިންތިހާއަށް އެދިއެދިއެވެ. މިކަންކަމަށް ހައްލު ނުލިބިއްޖެނަމަ، މާލޭގެ އަންހެނުންނާއި އެމީހުންގެ ދަރިންނަށް ދިރިއުޅުމުގެ ފޮނިކަމެއް ނުލިބި، "ދިރިތެޅުން" އެއީ އެ މީހުންގެ ހަގީގަތަށް ވެގެންދާނެއެވެ. ދަފުތަރު އެކުލަވާލުން އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި މި ހައިޖާނުން އަރައިގަތުމަށް ކުރަންޖެހޭ މުހިންމު އެއްކަމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި "ދިރިތެޅޭމީހުން"ގެ ދަފުތަރެއް އެކުލަވާލުމެވެ. ހައުސިން މިނިސްޓްރީއާއި އެންސްޕާއާއި ޕްލޭނިން މިނިސްޓްރީގެ މެދުގައި އެކުލަވާލާ މި ދަފުތަރަކީ އީފާސް މެދުވެރިކޮށް އެޕްލައިކުރެވޭ ޑިޖިޓަލް ދަފުތަރަކަށް ހެދިދާނެއެވެ. އަދި ދަފުތަރުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ވަޒީފާއާ ބެހޭ މައުލޫމާތު ޕެންޝަން އޮފީސް މެދުވެރިކޮށް ލިބޭގޮތަށް އަދި އެހެނިހެން މައުލުމާތު ކަމާބެހޭ އިދާރާތަކުން ލިބޭނެގޮތަށް މި ދަފުތަރު ފަރުމާކުރެވިދާނެއެވެ. އަދި، އެ މީހަކު ބަލާ މީހުންގެ މައުލޫމާތު ވެސް ދަފުތަރުގައި މިގޮތަށް ހިއްސާކުރެވިދާނެއެވެ. ރަޖިސްޓްރީ ކުރާއިރު، އަހަރު ދުވަހުގެ ބޭންކް ސްޓޭޓްމަންޓެއް ހިއްސާކުރަންޖެހޭގޮތަށް ހެދިދާނެއެވެ. ސަރުކާރުން އެކުލަވާލާ ހައުސިން މަޝްރޫޢުތަކުން ފްލެޓުތައް ނިމޭވަރަކުން – ފްލެޓުތަކުގެ 60 އިންސައްތަ "ދިރިތެޅޭމީހުން"ގެ ރަޖިސްޓަރީގައި ތިބޭ މީހުންނަށް ޚާއްޞަކޮށް އެ ލިސްޓުގައި ތިބޭމީހުންގެ މެދުގައި ގުރުއަތުލައިގެން ދޭގޮތަށް ހަމަޖެއްސިދާނެއެވެ. މި ފްލެޓުތައް ދޭނީ ހިލެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ