ހީލަތުގެ ތުހުމަތާއެކު އިޓަލީ ރެފްރީންގެ ވެރިޔާ ''ރޮކީ'' އަމިއްލައަށް ސަސްޕެންޑުވެއްޖެ

އިޓަލީގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ މެޗުތަކަށް ރެފްރީން ކަނޑައެޅުމުގެ އިސްވެރިޔާ، ޖިއަންލޫކާ ރޮކީ، އޭނާގެ މައްޗަށް ކުރެވޭ "ސްޕޯޓިން ފްރޯޑް" ނުވަތަ ކުޅިވަރުގެ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކާ ގުޅިގެން އަމިއްލައަށް މަގާމުން އެކަހެރިވެ، ސަސްޕެންޑްވެއްޖެއެވެ. އިޓަލީގެ ނޫސް އެޖެންސީ 'އޭޖީއައި' އިން ރިޕޯޓްކުރާ ގޮތުގައި، ކުރީގެ ބައިނަލްއަގުވާމީ ރެފްރީ ރޮކީގެ މައްޗަށް ތުހުމަތު ކުރެވެނީ 2024-25 ގެ ސީޒަނުގައި ކުޅިވަރުގެ އިންސާފު ގެއްލޭ ފަދަ އަމަލުތަކެއްގައި ބައިވެރިވި ކަމަށެވެ. މި މައްސަލައިގެ ތަހުގީގު މިލާންގެ ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން ފަށާފައިވާއިރު، މިކަމާ ގުޅޭ ފުރަތަމަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އިޓަލީގެ ރެފްރީންގެ އެސޯސިއޭޝަން (އޭއައިއޭ) އިން ބުނިގޮތުގައި، ރޮކީގެ އިތުރުން އިޓަލީގެ މަތީ ދެ ޑިވިޝަންގެ ވީއޭއާރު ސުޕަވައިޒަރު އެންޑްރިއާ ޖެރަވަސޯނީ ވެސް ވަނީ މި ތަހުގީގާ ގުޅިގެން އަމިއްލައަށް ސަސްޕެންޑްވެފައެވެ. ރޮކީގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އިންޓަ މިލާނުން "ގަޔާވާ" ރެފްރީއަކު އެ ޓީމުގެ މެޗަކަށް އައްޔަންކުރުމަށް ނުފޫޒު ފޯރުވުމާއި، ބައެއް މެޗުތަކުގައި ވީއޭއާރުގެ ނިންމުންތަކަށް ބަދަލު ގެނައުމަށް އޮފިޝަލުންނަށް ޕްރެޝަރު ކުރުން ހިމެނެއެވެ. މީގެ ތެރޭގައި މިދިޔަ އަހަރު އުދިނޭޒީ އާއި ޕާމާ ބައްދަލުކުރި މެޗުގައި ހޭންޑްބޯޅައެއް ބެލުމަށް ރެފްރީއަށް މަޖުބޫރުކުރުވި ކަމަށް ބުނާ މައްސަލަ ފާހަގަކޮށްލެވެއެވެ. އޭއައިއޭ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އުމުރުން 52 އަހަރުގެ ރޮކީ ބުނީ، މިއީ އޭނާގެ އާއިލާއާއެކު ނިންމި ވަރަށް ހިތްދަތި އަދި އުނދަގޫ ނިންމުމެއް ކަމަށެވެ. އޭނާގެ މަގްސަދަކީ ޝަރުއީ މަރުހަލާ އޮމާންކަމާއެކު ކުރިއަށް ދިއުމަށް ފުރުސަތު ދިނުން ކަމަށާއި، މި މައްސަލައިގެ ތެރެއަށް ކުޅުންތެރިންނާއި އެހެނިހެން ރެފްރީން ވަންނަން ބޭނުންނުވާ ކަމަށް ރޮކީ ބުންޏެވެ. އަދި އޭނާގެ މައުސޫމްކަން ސާބިތުވެ، ކުރިއަށްވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދީފައެވެ. އިޓަލީގެ ގާނޫނުތައް ބުނާގޮތުން "ސްޕޯޓިން ފްރޯޑް" އަކީ ޖިނާއީ ކުށެކެވެ. ކުޅިވަރުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ކުރާ މިފަދަ އަމަލުތައް ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި މައްސަލައަކީ ވޯލްޑްކަޕުން ކެޓުމުގެ ހިތްދަތިކަމާއެކު އިޓަލީގެ ފުޓްބޯޅައަށް ކުރިމަތިވި ބޮޑު ސިހުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ