ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިންއާ ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ހުށަހަޅުއްވައި ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުއްވައިފި އެވެ.
މިއީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޒެލެންސްކީ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެޅުއްވި އައު ފިޔަވަޅެކެވެ.
ޒެލެންސްކީ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މި ހަނގުރާމައަށް އެމެރިކާގެ ސަމާލުކަން އަނބުރާ ލިބެންދެން މަޑުކޮށްގެން ތިބުމަކީ ގޯހެއް ކަމަށެވެ. އަދި ސުލްހަ ގާއިމުކުރެވޭނީ ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ސީދާ މަޝްވަރާތަކެއް ކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މި މަޝްވަރާތައް ކުރިއަށްދާ ވަގުތު މުޅި ހަނގުރާމަ އެއްކޮށް ހުއްޓާލުމަށްވެސް ޒެލެންސްކީ ވަނީ ގޮވާލައްވާފަ އެވެ. ނަމަވެސް، ރަޝިއާގެ ރައީސް ޕޫޓިން ވަނީ މީގެ ކުރިން އެކަމަށް އިންކާރު ކުރައްވާފަ އެވެ.
ރަޝިއާ ސަރުކާރުން ވަނީ މި ސިޓީ ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ސިޓީގައި ޒެލެންސްކީ ލިޔުއްވާފައިވަނީ، ޔޫކްރެއިނުން ބޭނުންވަނީ ދެ ގައުމުގެ ދެމެދުގައި ސީދާ ވާހަކަދައްކައިގެން މި ހަނގުރާމަ ނިންމުމަށް ކަމަށާއި، އެހެންކަމުން ބައްދަލުވުމަކަށް ހުށަހަޅުއްވާ ކަމަށެވެ.
މިއީ ޒެލެންސްކީ މީގެ ކުރިންވެސް ހުށަހަޅުއްވާފައިވާ ކަމެކެވެ. ރަޝިއާއިން އޭރު ބުނެފައިވަނީ މޮސްކޯގައި ޕޫޓިންއާ ބައްދަލުކުރުމަށް ޒެލެންސްކީއަށް މަރުހަބާ ކިޔާ ކަމަށެވެ.
މި ސިޓީގައި ޔޫކްރެއިނުން ވަނީ އެމެރިކާގެ ސަމާލުކަން މިހާރު ބޮޑަށް ހުރީ އިރާނުގެ މައްސަލައަށް ކަމަށް އިއުތިރާފުވެފަ އެވެ. އެހެންކަމުން، އެމެރިކާގެ ސަމާލުކަން އަނބުރާ ލިބެންދެން މަޑުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ސެއިންޓް ޕީޓަސްބާގްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، ޔޫކްރެއިނާއެކު އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް ހުންނެވި ނަމަވެސް، ދެފަރާތުންވެސް ދޫދޭންޖެހޭނެ ކަމަށެވެ.
ޕޫޓިންގެ ވިސްނުމަކީ އެމެރިކާ އިރާނުގެ މައްސަލައިގައި މަސްއޫލުވެފައި އޮތް ވަގުތު، ޔޫރަޕްގެ އިއްތިހާދުން ޔޫކްރެއިންގެ ބިންތައް ދޫކޮށްލުމަށް ޒެލެންސްކީއަށް ބާރުއެޅުމެވެ. ނަމަވެސް، ޔޫކްރެއިނުން ވަނީ އެއްވެސް ބިމެއް ދޫކޮށްލުމަށް އިންކާރުކޮށްފައެވެ. ޔޫކްރެއިނުން ބުނަނީ ބިން ދޫކޮށްލުމަކީ ރަޝިއާއަށް އަލުން ހަމަލާދިނުމަށް ލިބޭ ހިތްވަރަކަށް ވާނެ ކަމަށެވެ.
ޒެލެންސްކީގެ މި ސިޓީގައި، ހަނގުރާމައިން ބޭރުވާނެ މަގު ހޯދުމަށް ބިރުނުގަތުމަށް ޕޫޓިންއަށް ގޮވާލެއްވިއެވެ. މި ބައްދަލުވުން ސްވިޒަލޭންޑް ނުވަތަ ތުރުކީ ފަދަ ގައުމެއްގައި ބޭއްވިދާނެ ކަމަށްވެސް ޒެލެންސްކީ ހުށަހެޅުއްވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ދެ ލީޑަރުން ބައްދަލުކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، އެކަން ކުރަންޖެހޭ ކަމަށެވެ. އަދި ދެ ގައުމުންވެސް ވަކިވަރަކަށް ދޫދޭންޖެހޭނެ ކަމަށާއި، އެކަން އެގޮތަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޒެލެންސްކީގެ ހުޅުވާލެވިފައިވާ ސިޓީއެއް ޕޫޓިންއަށް: ބައްދަލުކޮށް މަޝްވަރާކުރަން ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ