ވެރިކަންކުރާ ޕީއެންސީގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ތިއްބެވީ އެ ޕާޓީ ދޫކުރައްވައި ކުރީގެ ތިން ރައީސުންނާ އެކު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމަން އައްޑޫގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައީ ދެކޮޅު ނުޖެހޭ އިސްލާހެއް ކަމަށެވެ.
އޭގެ ބޭނުމަކީ މެމްބަރުން "ތަޅު އެޅުވުން" ކަމަށާއި އެކަމާ ހެދި މެމްބަރުންނަށް މިނިވަންކަމާ އެކު އާއްމުންގެ އަޑު އުފުލޭކަށް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި، މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެމްބަރެއް އެ މަނިކުފާނަށް ގުޅުއްވައި، އެ މެމްބަރުން ތިއްބެވީ މި ސަރުކާރު ޖަވާބުދާރީކުރުވަން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ. އެ ބޭފުޅުން ތިއްބެވީ ކުރީގެ ތިން ރައީސުންނާ އެކު ކަމަށް އެ މެމްބަރާ ހަވާލާ ދެއްވައި އިބޫ ވިދާޅުވި އެވެ.
The most trusted news source in the Maldives
"އަޅުގަނޑަށް މީގެ ދެ ދުވަސްކުރިން ޕީއެންސީގެ މަޖިލިސް މެމްބަރެއް ގުޅުއްވި. ތިމަންނައާ އެކީގައި އެބަތިއްބޭ މިތައް މިތައް މެމްބަރުންނެއް. މިއީ ހަމަ ސަރީހަ ތެދު ވާހަކައެއް މި ދަންނަވަނީ. މި ވަގުތު ވެސް މި ތިބީ ޕީއެންސީ ދޫކޮށްފައި ނުކުމެ، މި ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރަން ތައްޔާރަށޭ،" އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ކައިރީގައި ވިދާޅުވީ ތިމަންނަމެންނަށް ޔަގީންކަމެއް ތި ބޭފުޅުން ދެއްވަބަލާށޭ. އެ އިޝާރާތްކުރީ އަޅުގަނޑަށާއި ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް. ތި ތިން ބޭފުޅުން މަސައްކަތްތަކެއް ފައްޓަވައިފީމެއްނޫންތޯ، ތިމަންނަމެން ޕާޓީ ދޫކޮށްފައި ނުކުތީމަ، ގޮނޑި ގެއްލުނީމަ އެ ގޮނޑި ތިމަންނަމެންނަށް ހޯދައި ދިނުމަށް އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިއަސް ވެސް ތިމަންނަމެން މި ތިބީ މި ސަރުކާރު ޖަވާބުދާރީކުރަން ނުކުމެ ތައްޔާރަށޭ،"
ނޫސްވެރިިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ކަމަށްވާ އިބޫ އާއި މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީން އެކުގައި ގުޅިގެން މަސައްކަތް ކުރައްވަން ވަނީ އެއްބަސްވުމެއްގައި މިދިޔަ މަހު ސޮއިކުރައްވައިފަ އެވެ. އޭގެ ފަހުން ތިން ރައީސުން ތަމްސީލުކުރައްވާނެ މަންދޫބުން ކަނޑައަޅުއްވައި ޕާޓީތަކާ މަޝްވަރާކުރަން ވަނީ ނިންމައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ތިލަފަތަށް ބަރުވަމުންދާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ދޫކޮށް ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ދައުރު ހަމަވަންދެން މެމްބަރުން "ތަޅުއެޅުވިގެން" ތިއްބަވަން ނުޖެހޭ ކަމަށެވެ. ސޯބެ ފަދަ ބޭފުޅުން ހޮވައިގެން މަޖިލީހަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އިބޫ ވަނީ ދުންފަތުގެ އިމްޕޯޓު ޑިއުޓީ ކުޑަކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދާތީ އެކަމާ ރޭ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ދުންފަތުން މީހުން ސަލާމަތްކުރަން އޭގެ އަގު ބޮޑުކުރަން ޖެހޭ ކަމަށާއި މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅިއަސް އެ އޮތްގޮތަށް ފާސްކުރަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ ބިލު ދިރާސާކޮށް، ނުކުންނަ ނަތީޖާ ބަލާފައި ނޫނީ މަޖިލީހުން ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ނަމަވެސް މަޖިލީހުގެ މިއަދުގެ ހާލަތު އޮތްގޮތުން އެއީ ނުވާނެ ކަމެއްކަން އިބޫ ފާހަގަކުރެއްވި އެވެ.
ޕީއެންސީ ދޫކޮށް އިދިކޮޅާ ގުޅެން މަޖިލީހުގެ މެމްބަރުން ތިބީ ތައްޔާރަށް: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ