ދަނޑަށް ފެންފުޅި ވެއްދުން ފީފާއިން މަނާކޮށްފި

ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ދަނޑުތަކަށް ފެންފުޅި ވެއްދުން ކުއްލި ގޮތަކަށް ފީފާއިން މަނާކޮށްފި އެވެ.
މިގޮތަށް ނިންމުމަށްފަހު އެކަމުގެ ހުއްޖަތަކަށް ފީފާއިން ބުނީ މިއީ ދަނޑަށް ވައްދާ ފެންފުޅިފަދަ ތަކެތި ކުޅުންތެރިންނާ ދިމާލަށް އުކުމާއި ފުޅިން އެކަކު އަނެކަކަށް ހަމަލާ ދިނުން ފަދަ ކަންކަން ހުއްޓުވަން އެޅި ފިޔަވަޅެއް ކަމަށެވެ.
"ފީފާއިން ޖެހޭ ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ވެސް ކުޅުންތެރިންނާއި ރެފްރީންނާއި ސަޕޯޓަރުންނާއި ވޮލަންޓިއަރުންނާއި މުވައްޒަފުންގެ ސަލާމަތްތެރިކަން ޔަގީން ކުރަން. މި ނިންމުމަކީ ދަނޑުގައި ތިބޭ މީހުންނާއި ކުޅުންތެރިންނަށް ލިބިދާނެ ހާނިއްކަ އަކުން ސަލާމަތް ކުރުމަށް އެޅި ފިޔަވަޅެއް،" ފީފާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް މި ނިންމުމާމެދު ފީފާ އަށް ވަނީ ވަރަށް ބޮޑަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ހާއްސަ އިނގިރޭސި ސަޕޯޓަރުންގެ ގްރޫޕްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ސަބަބަކީ އެމެރިކާގެ ހޫނުމިން 32 ޑިގްރީ ސެލްސިއަސް އާއި 35 ޑިގްރީ ސެލްސިއަސް އަށް އަރައިގެންދާނެ ކަމަށް ލަފާކުރެވިފައިވާއިރު މެޗު ބަލަން ދާ މީހުން ފެންފުޅި ގެންދިއުމަށް ސިއްހީ މާހިރުންނާއި އެމެރިކާގެ ސިއްހީ އިދާރާތަކުން ވެސް ލަފާދީފައި އޮތުމެވެ.
ފީފާގެ ނިންމުމަކީ މާލީ ގޮތުން އިތުރު ފައިދާ ހޯދުމަށް ނިންމި ނިންމުމެއް ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ދަނޑުތަކަށް ފެންފުޅި ވެއްދުން މަނާކޮށްފައިވާއިރު ދަނޑުގައި ފެނާއި ކާބޯތަކެތި ވިއްކާނީ ފީފާގެ ޕާޓްނަރުން ކަމަށްވުމެވެ. ފެނާއި ޖޫހާއި އެކިއެކި ބުއިންތައް ވިއްކާނީ ކޮކާކޯލާއިންނެވެ. ލިބޭ އާމްދަނީގެ ބައެއް ފީފާގެ ބަޖެޓަށް ވަންނާނެ އެވެ. ފެންފުޅި ނުވެއްދެތީވެ އެންމެން ވެސް ޖެހޭނީ ދަނޑުތަކުގައިވާ ކޮކާކޯލާ އައުޓްލެޓްތަކުން ފެންގަންނާށެވެ.
ފީފާގެ ސްޓޭޑިއަމް ގައިޑްލައިނުގައި ކުރިން ބުނެފައިވަނީ ކޮންމެ މީހަކަށް ދަނޑަށް ރީފިލް ކުރެވޭ އެއް ލިޓަރުގެ ފެންފުޅިއެއް ވެއްދިދާނެ ކަމަށެވެ. ނަމަވެސް މި ނިންމުން ބަދަލު ކުރީ ވޯލްޑް ކަޕުން އެކަނި ފީފާއިން 12 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަން އަމާޒު ހިފާފައިވަނިކޮށެވެ. މިހާރު ވެސް ޓިކެޓްގެ އަތުތައް މަތިވެގެންނާއި އެމެރިކާގެ އެތެރޭގެ ހިދުމަތްތަކުގެ އަގުބޮޑުވުމުގެ މައްސަލާގައި ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވަފަ އެވެ.
މިފަހަރުގެ މުބާރާތް ކުޅޭއިރު ހޫނު ގަދަވާނެތީވެ ފީފާއިން ވަނީ ކުޅުންތެރިންނަށް ކޮންމެ ހާފެއްގައި ވެސް ތިން މިނިޓްގެ ވޯޓަ ބްރޭކެއް ވެސް ދޭން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ