ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީ އެމްޑީޕީއަށް ސޮއިކުރެއްވީ އޭނާ ކުރިން ނިސްބަތްވި ދަ ޑިމޮކްރެޓްސް ޕާޓީ އުވާލިކަން އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ މި ހިނގާ ކައުންސިލް ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރި ކަމަށް ބުނެ އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަނާއި އެލްޖީއޭއިން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީއެއް އުވާލުމާ ގުޅިގެން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން،" ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރެއްވި ޝުޖާއު ވިދާޅުވި އެވެ.
އެލްޖީއޭއިން ބުނެފައިވާ ގޮތުގައި ޝުޖާއު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވަނީ މެއި 19 ވަނަ ދުވަހު ކަމަށެވެ. އޭގެ މަހެއްހާ ދުވަސްކުރިން ދަ ޑިމޮކްރެޓްސް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން އެ ޕާޓީއަށް އޮތީ އަންގައިފަ އެވެ.
ދަ ޑިމޮކްރެޓްސް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގައި ލާޒިމްކުރާ 3000 މެންބަރުން އެ ޕާޓީގައި ހަމަނުވުމުގެ ސަބަބުންނެވެ.
އެ ކޮމިޝަނުން ފޮނުވި ސިޓީގައިވާ ގޮތުން، މެންބަރުން ހަމަކުރުމަށް ދެވުނު ތިން މަސްދުވަހުގެ މުއްދަތު އޭޕްރީލް 11، 2026 އަށް ހަމަވިއިރު، އެ ޕާޓީގައި ތިބީ 2716 މެންބަރުންނެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމައި، އެކަން އަންގައި ސިޓީ ފޮނުވާފައިވަނީ އޭޕްރީލް 23، 2026 ގައެވެ. ނަމަވެސް ޕާޓީ އުވާލިކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ބުދަ ދުވަހު އެވެ.
ޝުޖާއުގެ މައްސަލައާ ގުޅިގެން އެލްޖީއޭއިން ވަނީ ތިނަދޫ ކައުންސިލުގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުވި ސިޓީގައި ވަނީ ޝުޖާއު ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާކޮށް، ކައުންސިލް އިދާރާއަށް ނުނިކުތުމަށް އެންގުމަށެވެ. އަދި މި މުއްދަތުގައި ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުން ނައިބު ރައީސް ސާމިރާ ވަނީ ހަވާލުކޮށްފައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ މެންބަރަކު އެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. މި މައްސަލައިގައި ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ނަމަ، އޭނާ ވެގެންދާނީ ރާއްޖޭގައި ޕާޓީ ބަދަލުކުރުމުގެ ސަބަބުން ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށެވެ.
މި ދައުރުގެ ތެރޭގައި ބައެއް އެހެން ކައުންސިލަރުން ވަނީ ޕީއެންސީއާ ގުޅިފައެވެ. ނަމަވެސް އެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ރަސްމީކޮށް ރަޖިސްޓްރީވީ ކޮން ތާރީހެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.
އެލްޖީއޭގެ ނިންމުން ގޯސް، އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް އުވާލިކަން އީސީން އެންގުމުން: ޝުޖާއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ