އިބްރާހިމް މުހައްމަދުގެ ނަން އަނބުރާ ގެންގޮސް، މީކާއިލަށް ތާއީދުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)، އެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމަށް ތާއީދުކުރަން ނިންމައިފި އެވެ.
އޭނާ ބުނީ މި ނިންމުން ނިންމީ، ޕާޓީގެ ލީޑަޝިޕުން ޒުވާނުންނަށް ފުރުސަތު ދީ، ޒުވާނުން ޕާޓީގެ ކުރީސަފަށް ނެރުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރާތީ ކަމަށެވެ. މީކާއިލް ޗެއާޕާސަން ކަމަށް ހޮވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ވެސް ބުންޏެވެ. 
ރައީސް ނަޝީދާ ދެކޮޅަށް އެއްޗެއް ބުނަން ޖެހުމުން ހިތާމަކުރާ ކަމަށާއި، ނަމަވެސް އުމުރުގެ ދެބައިކުޅަ އެއްބައި ޕާޓީއަށް ހޭދަކުރުމަށްފަހުވެސް ޒުވާނުންނަށް އިސް މަގާމުތަކަށް އައުމުގެ ފުރުސަތު ނެތުމަކީ ކަންބޮޑުވުމެއް ކަމަށް އިބްރާހިމް މުހައްމަދު ބުންޏެވެ. 
"ޒުވާނުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮވެ، އެ ޒުވާނުންނަށް އެ ފުރުސަތު ދިނުމުގެ ވިސްނުމެއް އެ ބޭފުޅުންގެ ނެތް އަދިވެސް،" އޭނާ ބުންޏެވެ. 
އޭނާ އުންމީދު ކުރެއްވީ ނަޝީދު ފަހަތަށް ޖެހިވަޑައިގެން، އޭނާ އާއި މީކާއިލް ފަދަ ޒުވާނުންނަށް މިފަހަރު ފުރުސަތު ދެއްވާނެ ކަމަށް ނަމަވެސް، އެ ފުރުސަތު ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އިބްރާހިމް މުހައްމަދުގެ ތާއީދު މީކާއިލް އަހުމަދު ނަސީމަށް ލިބުމާ ގުޅިގެން، މީކާއިލް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.
މީކާއިލް ވިދާޅުވީ ވާޑު ފަދަ ޕާޓީއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއްގެ ތާއީދު ލިބުމަކީ އިންތިހާބީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ