މަޖިލީހަށް ފޮނުވަންވީ ދުނިޔޭގެ އާޖުފާޖު ދަންނަ ރާއްޖެއަށް ވަމުންދާ ގޮތް އެނގޭ މެންބަރެއް، އެއީ ސޯބެ: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ ދުނިޔޭގެ އާޖުފާޖު ދަންނަ ރާއްެޖެއަށް ވަމުންދާ ގޮތް ރަނގަޅަށް އެނގޭ ފަދަ މެންބަރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 
މާދަމާ އޮންނަ އިންތިހާބުގެ ކުރިން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނުގެ އަތުން ޓިކެޓު އަތުލުމަށް ފަހު ދީފައިވަނީ ކުރިން އެމްޑީޕީގައި އުޅުއްވި އަހުމަދު ސައީދުއަށެވެ. ނަމަވެސް، އަސްލު އެމްޑީޕީ މީހާ ހިތަދޫގެ ރައްޔިތުންނަށް އޮޅުވައިނުލެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ފިޔަވައި ތަރައްގީގެ ކަމެއް، އިޖުތިމާއީ ކަމެއް ވެސް، ކުރެވިފައި އޮތް ތަނެއް ނުފެންނާނެ،" އެމްޑީޕީން ރާއްޖެއަށް ތައާރަފުކުރި ސިޔާސަތުތައް ލިސްޓު ކުރައްވަމުން ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ. 
ރާއްޖެ މިހާރު އޮޔާ ދަމުންދާ ކަމަށާއި ކަނު ބަނދެވި ތިބެ ގައުމު މި ވެއްޓެނީ އަނދަވަޅަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. މިފަދަ ހާލަތެއްގައި ސަރުކާރުން މަޖިލީހަށް ފޮނުވަން ޖެހޭނީ ދުނިޔޭގެ ކަންކަން އެނގޭ ރާއްޖެއަށް ވަމުންދާ ގޮތް ވެސް އެނގޭ މީހެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. 
"ރާއްޖެ ސަލާމަތު އައްސޭރިއަކަށް ގެންދިޔުމަށް އަދި ދިވެހީންނަކީ މި ބަދަލުވަމުންދާ ދުނިޔޭގައި ސާބިތުކަމާއެކީގައި ފައި ހަރުކޮށްގެން ތިބޭނެ ބަޔަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު، އެ ތަނަށް ފޮނުވާން ޖެހޭނީ ދުނިޔޭގެ އާޖުފާޖު އެނގޭ، ރާއްޖެއަށް ވަމުންދާ ގޮތް އެނގޭ، އަދި އައްޑޫއަށް ހިދުމަތް ކޮށްދެވޭނެ، ކުރަން ޖެހޭ ހިދުމަތް ވެސް ދަންނަ ރަނގަޅު އައްޑޫ، ހިތަދޫ ދަރިއެއް،" ނަޝީދު ވިދާޅުވި އެވެ. 
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ