ސަބްސްކްރިޕްޝަންތައް ލިމިޓެއް ނުކުރަން، ފައިސާ ނުދެއްކޭނަމަ ވަގުތުން ހައްލުކޮށްދޭނަން: ބީއެމްއެލް
އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންތައް ލިމިޓުކޮށްފައި ނުވާނެ ކަމަށާއި އެ މައްސަލަ ދިމާވެގެން ރިޕޯޓުކުރުމުން އެ ކަމަށް އެންމެ އެކަށީގެންވާ ހައްލު ވަގުތުން ހޯދަދޭނެ ކަމަށް ގައުމީ ބެންކު، ބީއެމްއެލްއިން ބުނެފިއެވެ. ބީއެމްއެލްއިން ވަނީ، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުމަށް ނިންމާފައެވެ. https://x.com/bankofmaldives/status/2062758510375649413 އެ ނިންމުމާއެކު، ޚިދުމަތްތަކުގެ ސަބްސްކްރިޝަނަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާތައް އަންނަނީ ފެންމަތިވަމުންނެވެ. އަދި، އެ ބެންކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެ ކަމާ ގުޅިގެން އިއްޔެ ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ސަބްސްކްރިޕްޝަންތައް 'ޑެއިލީ ފޮރިން ސްޕެންޑުގައި' ނުހިމެނޭ ކަމަށާއި އެ ޕޭމަންޓުތައް ލިމިޓުކޮށްފައެއް ނުވާނެ ކަމަށެވެ. ބީއެމްއެލްގެ އިސްވެރިން: ސަބްސްކްރިޕްޝަންތައް ލިމިޓުނުކުރާ ކަމަށް އެ ބެންކުން ބުނޭ -- ސަން ފޮޓޯ/ އާއިޝް އަޝްރަފް ނަމަވެސް، އެކި ކަންކަމާ ގުޅިގެން ބައެއް މީހުންގެ ސަބްސްކްރިޕްޝަންތައް ނުދެއްކޭ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ބެންކުން ބުނެފައިވެއެވެ. އަދި، އެފަދަ ޕޭމަންޓުތައް ފައިސާ ނުދެއްކޭނަމަ، ވީއެންމެ އަވަހަށް އެ ކަން އެންގުމުން ވަގުތުން މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އެ ބެންކުން ވަނީ، ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު އިތުރުވާ ކަމަށް ބުނެ، ތަފާސްހިސާބުތަކެއް ވެސް އާންމުކޮށްފައެވެ. https://sun.mv/222712 މިގޮތުން، ޑެބިޓް ކާޑާއި ކްރެޑިޓު ކާޑުގެ މުއާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް 198 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. އެ ބެންކުން ބުނި ގޮތުގައި، އެވަރެޖުކޮށް، އެ ފަދަ މުއާމަލާތްތަކަށް މަހަކަށް 40 މިލިއަން ޑޮލަރު ވިއްކާ ކަމަށެވެ. މީގެއިތުރުން، ބޭންކަށް ގަނެފައިވާ ޑޮލަރަށް ވުރެ އިތުރަށް، 69 މިލިއަން ޑޮލަރު މިއަހަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ބީއެމްއެލްއިން އެފަދައިން ބުނިއިރު، ބީއެމްއެލްއިން ފިޔަވަޅުތައް އަޅައިފައިވަނީ އެ ބެންކަށް ދަތިތަކެއް ދިމާވުމުން ކަމަށް މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި، މި މަސް ނިމޭ ހިސާބުގައި، ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ގައުމީ ބޭންކް، ބީއެމްއެލްއިން އިޝާރާތްކޮށްފައިވާ ކަމަށް އެދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ