ޢީދު ފާހަގަކުރާނެ ގޮތް ސަރުކާރުން ކިޔައިދޭން ފެށީމާ އެ އަޅަނީ ބާރު ރަނގަބީލެއް: އިބްރާ
އާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމެޓީގެ މުގައްރިރުކަން ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ)، ޢީދު ފާހަގަކުރާނެ ގޮތް ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭން އުޅޭތީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އޭނާ އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ދައްކާންވާނީ ޤާނޫނުގައި ހުންނަ ވާހަކަ ކަމަށެވެ. ދެން އެއަށް ފަހު، ޤާނުނުން ސަރުކާރާ މަތިކޮށްފައި އޮންނަ ޒިންމާތައް އަދާކުރީމައި އެ ނިމުނީ ކަމަށް އޭނާ ވިދާޅުވިއެވެ. "ޢީދު ފާހަގަކުރާން ރައްޔިތުން ކަންކުރާންވީ ގޮތް ސަރުކާރުން ކިޔައިދޭން ފެށީމާ އެ އަޅަނީ ވަރަށް ބާރު ރަނގަބީލެއް،" އިބްރާ ވިދާޅުވިއެވެ. https://www.sun.mv/222860 ޢީދާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރަން އޮންނަ ދެ ކަމަކީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާއި، ރައްޔިތުންނަށް ދެ ޢީދު ނަމާދު ކުރެވޭނެ ގޮތް އިންތިޒާމުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ރައްޔިތުން އުފާފާޅުކުރާނެ ގޮތް ކަނޑައެޅުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ދައުރެއް ނޫން ކަމަށާއި އެއީ މުޖުތަމައުގެ އާދަކާދަތަކުގެ ތެރެއިން އަމިއްލައަށް ރޭވިގެންދާންޖެހޭ ކަންކަން ކަމަށް އޭނާގެ ވާހަކައިން ދޭހަވެއެވެ. އިބްރާ މިފަދައިން ފާޑުވިދާޅުވެފައި މިވަނީ، ޢީދު ފާހަގަކުރާނެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައިވަނިކޮށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، މި އުސޫލުގެ ބޭނުމަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިންގެ އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި އުސޫލު އެކުލަވާލުމުގައި ކަމާބެހޭ އެހެން މުއައްސަސާތަކުގެ ލަފާ ވެސް ހޯދާނެ ކަމަށެވެ. ނަމަވެސް، މި އުސޫލުގައި ހިމެނޭނެ ވަކި ކަންތައްތަކެއް އަދި މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ސަރުކާރުން ޢީދު ފާހަގަކުރާ ގޮތުގެ ތެރެއަށް މިހާ ބޮޑަށް ވަންނަން އުޅޭއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދާ ގުޅިގެން ތަފާތު ސަގާފީ ކުޅިވަރުތައް ކުޅެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ކޮންމެ ބޮޑު ޢީދަކާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މަށި މާލި ޕެރޭޑެވެ. މިއީ މުޅި ރާއްޖޭގެ ސަމާލުކަން ލިބޭ، އަދި ގިނަ ބަޔަކު އިންތިޒާރުކުރާ ހަރަކާތެކެވެ. މި ޕެރޭޑަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ހަރަކާތެއް ނޫނެވެ. މިއީ މުޖުތަމައުގައި ހިނގާ ކަންކަމަށް ފާޑުކިޔުމަށް އޮންނަ ޕްލެޓްފޯމެކެވެ. އެތައް ބަޔަކު ބައިވެރިވާ މި ޕެރޭޑަށް ރަށުގެ ރައްޔިތުން އެތައް ދުވަހެއް ކުރިން ތައްޔާރުވާން ފަށައެވެ. ޢީދުގައި ރ. މީދޫގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ޢީދަށް ފަހު މާދަމާ ސަރުކާރު ހުޅުވޭނެ -- ފޮޓޯ/ ރ. މީދޫ ހުޅަނގު އަވަށު ޢީދު އުފާ ކުޅުދުއްފުށީ މަށި މާލި ޕެރޭޑުގައި، ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ކުރާ ކަންކަމަށާއި މުޖުތަމައުގައި ހުރި މައްސަލަތަކަށް މަޖާޒީ ގޮތެއްގައި ވަރަށް ބޮޑަށް ފާޑުކިޔައެވެ. ސިޔާސީ ބޭފުޅުންގެ ނިންމުންތަކާއި، ނުފުއްދި ހުންނަ ވައުދުތަކާއި، ކޮރަޕްޝަނާއި، އިޖުތިމާއީ ބޭއިންސާފު ފަދަ ކަންކަން މާލީގެ ސިފައިގައްޔާއި ލިޔުންތަކުގެ ޒަރީއާއިން ދައްކުވައިދެއެވެ. މިއީ ޑިމޮކްރެޓިކް އެހެން މުޖުތަމައުތަކުގައި ސިޔާސީ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބޭނުންކުރާ ފަންނީ އަދި ސަގާފީ އުކުޅެކެވެ. މިފަދަ ހަރަކާތްތަކަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ، އަދި އެއްވެސް ސަރުކާރަކުން މީގެ ކުރިން ހުއްޓުވަން މަސައްކަތްކޮށްފައިވާ ކަންކަމެއް ނޫނެވެ. ރައްޔިތުންގެ އުފާފާޅުކުރުންތަކުގެ ތެރެއަށް ދައުލަތުން ވަންނަ މިންވަރާ މެދު ބަހުސް ފެށިފައިވާއިރު، އިސްލާމިކް މިނިސްޓްރީން އެކުލަވާލާ އުސޫލު އަދި އާންމުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ