އައްޑޫއަށް ދޭ ލުއިތައް؛ ސަރަހައްދީ އިޤްތިޞާދުގެ ބިންގާ

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުތަކުން އެކި ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އާންމުކޮށް އިވެނީ އިޤްތިޞާދު ސިންދަފާތުކުރާ ވާހަކައެވެ. ނަމަވެސް މާލެ ސަރަހައްދުން ބޭރުގައި މިކަން ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައި ނެތެވެ.
އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީއަށް އެންމެ މުހިންމު ކަމަކީ، އެ ސަރަހައްދެއްގައި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް އޮތުމެވެ. ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ގިރާކޮށް އެކަން ކުރުމަށް އަދުގެ ސަރުކާރުން އޮތީ ތައްޔާރަށެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ސަރަހައްދީ ފެންވަރެއްގައި އިޤްތިޞާދީ ތަރައްޤީ ގެނައުމަށް އެމަނިކުފާނު ތަސައްވަރު ކުރައްވާ ގޮތް ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމަށް ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ކަނޑައެޅޭ ވަކި މުއްދަތަކަށް، ގިނަ ލުއިތަކާއެކު ކުދި ފަންތިއާއި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް ހުޅުވައިލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތެރިކަމަށް ބަލާއިރު، ހުރިހާ ކަމެއް އޮތީ އާބާދީގެ ގޮތުން އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދާ މާލެ ސަރަހައްދަށް ޖަމާވެފައެވެ. އިޤްތިޞާދެއްގެ އެންމެ މުހިންމު ކަމަކީ، އެ އިޤްތިޞާދެއް ހިންގަން ބޭނުންވާ އާބާދީއެވެ. މާލެ ސަރަހައްދަށްފަހު ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތީ، އައްޑޫ އަތޮޅު އަދި އައްޑޫސިޓީގައެވެ. ޖުމްލަ މުޅި އާބާދީ 35،000 އަށް މައްޗަށް އެރިނަމަވެސް އެ އާބާދީއާއި އެއްވަރުގެ އިޤްތިޞާދީ ހަރަކާތްތެރިކަމެއް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއި އެއްގޮތަށް އިޤްތިޞާދު ހިނގައިގަތުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރުމަށް ނިންމާފައިވަނީ، އައްޑޫގައެވެ. އެގޮތުން 2027 އިން 2029 އަށް 3 އަހަރުގެ މުއްދަތަށް އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑުއަތޮޅަކީ، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެއެވެ.
މިއާއެކު އައްޑޫ ވެފައިވަނީ، މި ސަރުކާރުގެ ސަރަހައްދީ އިޤްތިޞާދު ކުރިއެރުވުމުގެ ތަޞައްވުރުގެ ފުރަތަމަ މަޝްރޫޢަށެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫގެ ވިޔަފާރިތަކުން މިފަދަ ފުރުސަތަކަށް އިންތިޒާރުކުރާތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. މިކަން ހާމަވީ، އައްޑޫގައި ބޭއްވި ބިޒްނަސް ފޯރަމުންނެވެ. މިމަހުގެ 13 އިން 14 އަށް އައްޑޫގައި ބޭއްވި މިފޯރަމުގައި ބައިވެރިންނަށް ލިބުނު އެންމެ މުހިންމު ފުރުސަތަކީ، އައްޑޫގެ އިޤްތިޞާދީ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ ޚިޔާލުތައް ސަރުކާރާއި ހިއްސާ ކުރުމެވެ.
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، މިކަމަކީ މާލޭގައި ތިބެގެން ސަރުކާރަށް ނިންމޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން މާލޭގައި ތިބެގެން މިކަން ނުނިންމޭނެ. ބިޒްނަސް ކައުންސިލް ޚިޔާލުވެސް ހޯދިދާނެ. އަދި މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިންގެ ޚިޔާލު އެކަނިވެސް ހޯދިދާނެ. އެކަމަކު އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. އެހެންވެ މިތަނަށް އައިސް މިމަސައްކަތް ކުރަނީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ވަޒީރު ސަޢީދު ވަނީ، މިމަސައްކަތް ކުރުމަށް ޤާނޫނުތަކާއި ޤަވާއިދުތަކެއް ހަދަން ޖެހުނު ނަމަވެސް އެކަންވެސް ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ނޮވެމްބަރުގެ ކުރިއަށް މިމަސައްކަތް ނިންމައި ބިޒްނަސް ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު، އޭގެ ކުރިއަށް އިތުރު ބައްދަލުވުމެއް އައްޑޫގައި ބާއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ލިބުނު ޚިޔާލުތައް ކަރުދާހެއްގެ ސިފައިގަތި ކެބިނެޓަށް ހުށަހަޅާ މިކަމުގައި ގޮތެއް ނިންމާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އައްޑޫގެ އިޤްތިޞާދު ހިނގައި ގަތުމަށް ކުރާ މިމަސައްކަތުގެ ކާމިޔާބީއާއެކު ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ ލުއިތަކެއް ދިނުމުގެ ވިސްނުން އެބަހުރި ކަމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ވަކި ސަރަހައްދުތަކަށް ބަހާލައިގެން އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މިމަސައްކަތުގެ ނަތީޖާ ހާސިލުކުރުމުގެ ފުރުސަތު މިވަނީ ވަރަށް ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ