ބީއެމްްއެލްގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް އޭގެ ތެރޭގައި، އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ހިމަނާފައި ނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން މިދިޔަ މަހު ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކުރުމާ އެކު މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅައިފަ އެވެ. ޑޮލަރުގެ ތާށިކަމާ ހެދި އެޅި މި ފިޔަވަޅާ އެކު، އެކި ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ވެސް ނުދެއްކިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
އެކަމާ ގުޅިގެން ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށާއި އެފަދަ ޕޭމަންޓުތައް މަނާކޮށްފައިނުވާނެ ކަމަށެވެ.
އެކަމަކު އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެ މައްސަލައަށް އެޑެންޓުވަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
"އެކި ސަބަބުތަކާ ހެދި ސަބްސްކްރިޕްޝަން ޕޭމަންޓްތައް ޑިކްލައިންވާ މައްސަލަ މި ގެންދަނީ ބަލަމުން. ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ އަޅުގަނޑުމެންނަށް ގުޅުއްވުމުން ވަގުތުން އެ މައްސަލައަށް ހައްލެއް ހޯދައިދޭނަން." ބީއެމްއެލް އިން އެކްސްގައި ބުނެފައިވެ އެވެ.
މި ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން "ވަރަށް ބޮޑުތަނުން" ލުޔެއް ދޭނެ ކަމުގެ އިޝާރާތް ބީއެމްއެލް އިން އެ މަނިކުފާނަށް ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރަން, ފައިސާ ނުދެއްކޭ މައްސަލަ ހައްލުކޮށްދޭނަން: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ