ރަޝިޔާއިން ޔޫކްރެއިނަށް ދިން އާ ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ

ރަޝިޔާއިން ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ބޮމުގެ އަދި ޑްރޯން ހަމަލާތަކެއްގައި މަދުވެގެން 12 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ވިދާޅުވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ފެށި ފުރިހަމަ ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިންގެ 707 ކުޑަކުދިން މަރުވެފައިވާ ކަމަށެވެ. އަދި އެތައް ހާސް ކުދިންނެއް، ރަޝިޔާއިން ވަގަށް ނަގައިގެން ގެންގޮސްފައިވާ ކަމަށާއި، ގިނަ ކުދިންތަކެއްގެ މައުލޫމާތު އަދިވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ މި ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ވިލާތުގެ ބައްރަށް ކުރިމަތިވި އެންމެ ބޮޑު އަސްކަރީ ހަމަނުޖެހުމެވެ. މި ހަނގުރާމަ ރަސްމީކޮށް ފެށިގެންދިޔައީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން ޔޫކްރެއިނަށް އަރައިގަތުމަށް "ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް" އިޢުލާނުކުރެއްވި ހިސާބުންނެވެ. ނަމަވެސް، މި މައްސަލައިގެ މޫތައް 2014 ވަނަ އަހަރާ ހަމައަށް ދެމިގެންދެއެވެ. އެ އަހަރު ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ދަށުގައި އޮތް ކްރައިމިއާ ޕެނިންސިއުލާ އެގައުމުގެ ބާރުގެ ދަށަށް ގެންގޮސް، ޔޫކްރެއިންގެ އިރުމަތީގައިވާ ޑޮންބާސް ސަރަހައްދުގެ ވަކިވެގަންނަން އުޅޭ ހަނގުރާމަވެރިންނަށް އެހީތެރިވާން ފަށާފައެވެ.
ހަތަރު އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ދެފަރާތުގެ އެތައް ހާސް ސިފައިންނާއި ޔޫކްރެއިންގެ އެތައް ހާސް މަދަނީންނެއް ވަނީ މަރުވެފައެވެ. އަދި މިލިއަނަކަށްވުރެ ގިނަ ޔޫކްރެއިން ރައްޔިތުން ރަފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ދާންޖެހުނުއިރު، އެގައުމުގެ ބޮޑެތި ސިޓީތަކާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިވެފައެވެ. އެމެރިކާއާއި ވިލާތުގެ އިއްތިހާދުން ދަނީ ޔޫކްރެއިނަށް ބޭނުންވާ ފައިސާއާއި ޒަމާނީ ހަތިޔާރުގެ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެމުންނެވެ. ހަމައެއާއެކު، ހުޅަނގުން ވަނީ ރަޝިޔާގެ އިގްތިޞާދު ބަލިކަށިކޮށްލުމުގެ މަގްސަދުގައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ