ތިން ރައީސުން ގުޅިގެން ފެއްޓެވި މަސައްކަތް އޮތީ މަޑުޖެހިފައި: ރައީސް ނަޝީދު

ކުރީގެ ތިން ރައީސުން ބައްދަލުކޮށް ކުރައްވަން ނިންމެވި މަސައްކަތް މިވަގުތު ކުރިއަށްނުދާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނޭހެން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މޭ މަހުގެ 15ވަނަ ދުވަހުގެރޭ ވަނީ ތިން ބޭފުޅުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުންގެ މަންދޫބުންގެ ބައްދަލުވުންތަކެއްވެސް ކުރިއަށްގެންދިޔައެވެ.
އެމްޑީޕީގެ ޗެއަރޕަރސަން ރައީސް މުޙައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުން ގުޅިގެން މަސައްކަތް ކުރައްވަން ނިންމެވި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ތިން ރައީސުންގެ ބައްދަލުވުމަށްފަހު އެބޭފުުންގެ މަންދޫބުންތަކެއް ކަނޑައަޅައި މަންދޫބުންގެ 2 ބައްދަލުވުމެއް ވޭއްވެވިކަމަށެވެ. އެހެން ނަމަވެސް މަންދޫބުންގެ ބައްދަލުވުމަށްފަހު އެމަގުން ކުރިއަށް ދެފިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ތިން ރައީސުންގެ ބައްދަލުވުމާ ގުޅިގެން ނެގުނު ކޮމިޓީއެއް. ނަގާފަ އެކޮމިޓީ 2 ފަހަރު ބަދަލުވި، ބައްދަލުވުމަށް ފަހުގައި އަޅުގަނޑުމެންނަށް އެމަގަކުން މާ ބާރަށް ކުރިއަށް ހިގައިފައި ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސުންގެ މަންދޫބުންގެ ގޮތުގައި ބައްދަލުކުރައްވާފައިވަނީ ރައީސް ނަޝީދުގެ ފަރާތުން، ކުރީގެ ވަޒީރު ފައްޔާޟް އިސްމާއީލާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ. ރައީސް ޞާލިޙުގެ ފަރާތުން ހަމަޖެއްސެވީ ކުރީގެ މެންބަރު އަޙްމަދު ސަލީމާއި ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިންއެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން މަންދޫބުންގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ވަޒީރު މުޙައްމަދު މަލީހު ޖަމާލާއި އިސްމާއީލް ޒަރިޔަންދުއެވެ.
މި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ނަޝީދުވަނީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެޕާޓީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޖޫން މަހު ބޭއްވި އެމްޑީޕީގެ ޗެއަރޕާސަން އިންތީޚާބު ކާމިޔާބުކުރެއްވި ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އެޕާޓީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނަވާ ފަރާތަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވަކާލާތުކުރައްވާ ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބުކުރެއްވުމަށް ކެމްޕެއިން ކުރެއްވި ދުވަސްވަރުވެސް ވަނީ ޝައުގުވެރިކަން ހުރީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވުމަށްކަމަށްކަމަށް ވިދާޅުވެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީން މިވަގުތު ކަންބޮޑޫވުންހުރި ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޕާޓީ ބަދަލު ކުރުމުން ވ.ތިނަދޫ ކައުންސިލްގެ ރައީސް މަޤާމުން ވަކިކުރި މައްސަލަ ބަލައިނުގަނެވޭކަމަށް ވިދާޅުވެ އެމަސައްލަ ކޯޓަށް ހުށަހަޅުއްވަން މަސައްކަތްކުރައްވާކަމަށް ރައީސް ނަޝީދު ވަނީ މިނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ