ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ހޯދުމަށް ނޯވޭގެ ފޯވަޑް އާލިންގ ހާލަންޑް ކުރާ މަސައްކަތުގައި ނޯވޭގެ މުޅި ޓީމު އެހީތެރިވާނެކަމުގައި އެޓީމުގެ ކޯޗު ސްޓާލް ސޮލްބަކެން ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ވޯލްޑް ކަޕް ގްރޫޕް އައި ގައި ނޯވޭ އާއި ސެނެގާލް ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
މިމެޗު ނޯވޭ ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ. އަދި މިމެޗުގައި ހާލަންޑްވަނީ 2 ލަނޑު ޖަހާ މިފަހަރުގެ މުބާރާތުގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު 4 އަށް އަރުވާފައެވެ. ސޮލްބަކެން ބުނީ ފަރަންސޭސިވިލާތާއި އާޖެންޓީނާއަށް ކުޅޭ އިރު ރަން ބޫޓު ހޯދަން ފަސޭހަ ވާނެ ކަމަށާއި ނަމަވެސް ހާލަންޑަށް މިޝަރަފު ހޯދޭތޯ ކުރާ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން އޭނާއަށް ކޮންމެ މެޗެއްގައި ކުޅުމުގެ އިތުރުން ޓީމުގެ ހުރިހާ ކުޅުންތެރިން އެހީތެރިވާނެކަމަށެވެ.
މިވަގުތު ހާލަންޑް ކުޅެމުންދަނީ މޮޅު ކުޅުމެއް ކަމަށާއި ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ހާލަންޑަށް ލަނޑު ޖެހޭތީ އުފާކުރާ ކަމަށެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން ހާލަންޑް ބުނީ އޭނާއަށްވެސް ލަނޑު ޖެހޭ ސަބަބު ބުނެދޭން ނޭނގޭ ކަމަަށާއި އޭނާ ނަސީބު ރަނގަޅުވެފައި ގޯލާއި ރައްޓެހީކަމަށެވެ. އަދި ސެނެގާލް އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެޓީމާއި ދެކޮޅަށް ކުޅެ މޮޅުވެވިއްޖެކަމަށެވެ. އަދި މިހާރު ޖެހިޖެހިގެން މިމޮޅު ވެވުނީ ކިތަން މެޗުން ކަމެއް ބުނަން ނޭނގޭ ކަމަށެވެ.
މިހާރު ގާތް ގަނޑަކަށް 12 ވަރަކަށް މެޗުން މޮޅުވެވިއްޖެކަމަށާއި މިވަގުތު މިއޮތް ނޯވޭގެ ޓީމަކަކީ ވަރަށް ހާއްސަ ޓީމެއް ކަމުން މި ހާއްސަ ޓީމުގައި އޭނާ ހިމެނޭތީ އުފާކުރާ ކަމަށެވެ.
ސެނެގާލްގެ ކޯޗު ޕެޕޭ ތިއާއު މެޗަށްފަހު ވާހަަކަ ދައްކަމުން ބުނީ އަދި މިޓީމު ނާކާމިޔާބުވީއޭ ބުނަން ތަންކޮޅެއް އަވަސް ކަމަށެވެ. މިއީ މުބާރާތެއް ކަމަށާއި އެންމެ ފަހު މެޗާއި ހަމައަށްވެސް މަސައްކަތް ކުރާނީ ދެން އޮތް ބުރުން ޖާގައެއް ހޯދޭތޯ ކަމަށް ތިއާއު ބުންޏެވެ.
މިއީ ވޯލްޑް ކަޕްގެ ގްރޫޕް މަރުހަލާގެ ފުރަތަމަ ދެމެޗުން ސެނެގާލް ބަލިވި ފުރަތަމަ ފަހަރު ކަމަށް ގަބޫލް ކުރާ ކަމަށާއި ނަމަވެސް އަދި އެޓީމަށް ފުރުސަތު އެއްކޮށް ނުގެންލޭކަމަށް ސެނެގާލްގެ ކޯޗު ފާހަގަ ކުރިއެވެ.
ތިއާއު ބުނީ މިމުބާރާއި ކުރިމަތިލީއިރު ސެނެގާލްގެ ޓީމަކީ ޑިފެންސް ވަރުގަދަ ވެފައި ބައިކޮޅަށް ވަންނަ ލަނޑު މަދު ޓީމެއްގެ ގޮތުގައި ފާހަގަ ވެފައިވީ ނަމަވެސް މިފަހަރުގެ މުބާރާތުގައި މިހާރުވެސް ދެމެޗުގައި 6 ލަނޑު ބައިކޮޅަށް ވަދެއްޖެ ކަމަށާއި އެހެން ކަމުން މިކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ ބޮޑެތި މުބާރާތްތަކުގައި ވާދަކުރެވޭނީ ބައިކޮޅަށް ވަންނަ ލަނޑު މަދުކޮށްގެން ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
"ހާލަންޑަށް ރަން ބޫޓު ހޯދައިދޭން ނޯވޭގެ މުޅި ޓީމު އެހީތެރިވާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ