އެމެރިކާ އާއި އީރާނާ ދެމެދު ގާއިމުކޮށްފައިވާ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން އިތުރު މުއްދަތަކަށް ދެމެހެއްޓުމަށް ހުށަހަޅާފައިވާ ދެލިކޮޕީއަށް އިތުރު ބަދަލުތަކެއް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެންމެ ފަހުން ހުށަހެޅުނު އިސްލާހުތައް ބިނާވެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅި ކުރިއަށް އޮތް ތަނުގައި ބަލަހައްޓާނެ ގޮތްތަކާއި އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރައްކާކުރެވިފައިވާ މިންވަރު ނައްތާލުމުގެ މައްޗަށެވެ. ހުށަހެޅިފައިވާ އޮނިގަނޑުގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ މުއްދަތު 60 ދުވަހަށް އިތުރުކުރުމާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން އަލުން މަޝްވަރާތައް ފެށުމުގެ މަގު ފަހިކުރުން ހިމެނެ އެވެ.
ޓްރަމްޕް އަދި އެ މަނިކުފާނުގެ އިސް މުޝީރުން ވަނީ މި އެއްބަސްވުން މުރާޖައާ ކުރެއްވުމަށްޓަކައި ހުކުރު ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވާފަ އެވެ. ނަމަވެސް އެއްވެސް ފައިނަލް ނިންމުމެއް އިއުލާންކޮށްފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕް މިހާރު ވަނީ އެއްބަސްވުމުގެ ދެލިކޮޕީއަށް ތިންވަނަ ފަހަރަށް އިސްލާހު ގެނައުމަށް އެދިވަޑައިގަންނަވާފަ އެވެ.
މިދިޔަ ހަފުތާގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކޮންމެ އެއްބަސްވުމަކަށް އާދެވުނު ކަމުގައިވިޔަސް އެންމެ މުހިންމު ޝަރުތަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ގޮތް ހެދުން ކަމަށެވެ.
"އަހަރެން ކަށަވަރުކުރަން ބޭނުންވާ ހަމައެކަނި ޔަގީންކަމަކީ އެއްވެސް ނިއުކްލިއާ ހަތިޔާރެއް އީރާނުގައި ނުހުންނާނެ ކަމުގެ ޔަގީންކަން،" ޓްރަމްޕް ވިދާޅުވި އެވެ.
އެއްބަސްވުމަކަށް އައުމަށް އެ މަނިކުފާނު "އަވަސް އަރުވާނުލައްވާ" ކަމަށް ވެސް ޓްރަމަޕް ވިދާޅުވި އެވެ.
އީރާނުގެ އޮފިޝަލުން ދަނީ މިކަމުގައި ވަރަށް ބޮޑަށް ދުރާލާ ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އީރާނުގެ ޗީފް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އީރާނުގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްނުކުރެވޭ އެއްވެސް އެއްބަސްވުމެއް ތެހެރާނުން ގަބޫލެއް ނުކުރާނެ ކަމަށެވެ.
"ސާފު ނަތީޖާއަކަށް އާދެވެންދެން މިހާރު ދެކެވޭ ހުރިހާ ވާހަކައަކީ ހީތަކެއްގެ މައްޗަށް ދެކެވޭ ވާހަކަތަކެއް" ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވި އެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ތެހެރާނުން ބޭނުންވަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން މާނަވީ މަޝްވަރާތަކެއް ފެށުމުގެ ކުރިން، ހިފެހެއްޓިފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމަށެވެ. މި ދެ ގައުމުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަނީ ޕާކިސްތާނުންނެވެ.
އެމެރިކާގެ އޮފިޝަލުން މިދިޔަ ހަފުތާގައި ވިދާޅުވީ، ދެ ގައުމުގެ ސަރުކާރުގެ ހުއްދައަށް މަޑުޖެހިފައި އޮތް ނަމަވެސް، އަސާސީ ގޮތުން ދެ ފަރާތުން ވިސްނުން އެއްގޮތްވާ އެމްއޯޔޫއެއް އެކުލަވާލެވިފައިވާ ކަމަށެވެ. ނަމަވެސް، 8 އޭޕްރީލްގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލި ފަހުން މަޝްވަރާތައް ކުރެވުނު ކަމުގައިވިޔަސް، ރަސްމީ އެއްބަސްވުމަކަށް އަދިވެސް އާދެވިފައެއް ނުވެ އެވެ.
އެމެރިކާ-އީރާން އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ޓްރަމްޕް އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ