އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުންދިޔަ ނަމަވެސް، ލުބުނާނުގައި ކުރިއަށްގެންދާ އެއްގަމު މަގުގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމަށް އެ ގައުމުގެ ސިފައިންނަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ އަމުރުކުރައްވައިފި އެވެ.
އިޒްރޭލުގެ އަމާޒަކީ ހިޒްބުއްލޯގެ ކޮންޓްރޯލްގެ ދަށުގައި ހުރި ސަރަހައްދުތަކަށް އޮތް އިޒްރޭލުގެ ބާރުވެރިކަން އިތުރަށް ވަރުގަދަކޮށް ފުޅާކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އީރާނުގެ މަދަދުލިބޭ ހިޒްބުއްލޯ ޖަމާއަތާ އެކު ހިނގި ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހު، ލުބުނާނުގެ ދެކުނުގައި ހުންނަ ތާރީހީ 'ބޯފޯޓް ކާސަލް' އާއި މުހިންމު ފަރުބަދަމަތީ ސަރަހައްދެއް އެ ގައުމުގެ ސިފައިން ވަނީ ހިފާފަ އެވެ. ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވިދާޅުވީ، އިޒްރޭލުގެ ސަލާމަތީ ސަރަހައްދުގެ ބައެއްގެ ގޮތުގައި އެތަން ސިފައިންގެ ބެލުމުގެ ދަށުގައި ބާއްވާނެ ކަމަށެވެ.
"މި ހަރަކާތްތައް އަދި ނުނިމޭ. ހިޒްބުއްލޯގެ ބާރުތައް ފުނޑުފުނޑުކޮށްލުމަށް އަހަރެމެން އެންމެން މިތިބީ އަޒުމް ކަނޑައަޅައިގެން،" އޭނާ ވިދާޅުވި އެވެ.
މި ފަހުގެ ކުރިމަތިލުންތައް ވަރުގަދަވެގެން މިދިޔައީ، ހަމަލާ ބަދަލުކުރުން މެދުކަނޑާލި ފަހުން އިޒްރޭލުގެ އުތުރަށް ހިޒްބުއްލޯ އިން ޑްރޯން އަދި ރޮކެޓް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދިން ދުވަހާ ދިމާކޮށެވެ. ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިއްޔެ ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން 40އަށް ވުރެ ގިނަ ހަމަލާދީފައިވެ އެވެ. އަދި ރޭގަނޑު 'ދައިރް އަލް ޒަހްރާނީ' އަވަށަށް ދިން ހަމަލާތަކެއްގައި މަދުވެގެން އަށް މީހުން ވަނީ މަރުވެފަ އެވެ.
ލުބުނާނު ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާޗު މަހު ހަމަނުޖެހުންތައް ވަރުގަދަވީއްސުރެ މިހާތަނަށް 3،370އަށް ވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފަ އެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ ގައުމުގެ 24 ސިފައިންނާއި 4 އާންމުން ވަނީ މަރުވެފަ އެވެ.
ހަނގުރާމަ އަލުން ފެށުމާ ގުޅިގެން، ދިގު މުއްދަތުގެ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށާއި ހިޒްބުއްލޯގެ ހަތިޔާރު ނައްތާލުމަށް އެމެރިކާ އިސްވެ ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި، ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ދެމުން ފްރާންސުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފަ އެވެ.
ހަމަލާތައް މެދުކަނޑާލައި ވިޔަސް، ލުބުނާނުގެ ބައެއް ތަންތަން ހިފަން ނަތަންޔާހޫ އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ