މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް މިއަދުން ފެށިގެން ސޯޝަލް މީޑިއާ މަނާ

ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އެކުދިން ރައްކާތެރިކުރުމުގެ ގޮތުން، އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުން މަނާކުރާ ހަރުކަށި ގާނޫނަކަށް މެލޭޝިއާގައި މިއަދު އަމަލުކުރަން ފަށައިފިއެވެ.
އާ އޮންލައިން ސޭފްޓީ އެކްޓްގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުތަކަކީ އެގައުމުގައި ގިނަ އަދަދެއްގެ ޔޫޒަރުން އުޅޭ ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ބޮޑެތި ޕްލެޓްފޯމްތަކަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.
މި އާ ގަވާއިދުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރުކުރުމަށްޓަކައި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ އެވެ. މީގެ އިތުރުން، އޮންލައިން މާހައުލުގައި ހުންނަ ގެއްލުންހުރި ކޮންޓެންޓްތައް މަދުކުރުމަށް ރިޕޯޓްކުރުމުގެ ނިޒާމުތައް ވަރުގަދަކުރުމާއި، އިޝްތިހާރުކުރާ ފަރާތްތަކަކީ ކޮބައިކަން ކަށަވަރުކުރުމުގެ ފިޔަވަޅުތައް އެޅުން ވެސް މި ގަވާއިދުގެ ދަށުން ޕްލެޓްފޯމްތަކަށް ވަނީ މަޖުބޫރުކޮށްފަ އެވެ.
ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމަށް މެލޭޝިއާއިން މިފަދަ ފިޔަވަޅެއް އެޅިއިރު، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް އަންނަނީ މިފަދަ ހަރުކަށި ގާނޫނުތައް ތަންފީޒުކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮސްޓްރޭލިއާއިން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމަށް ވީއިރު، އިންޑޮނީޝިއާއިން ވެސް ވަނީ މިއަހަރުގެ މާޗު މަހުން ފެށިގެން އެ އުމުރުފުރާގެ ކުދިންނަށް ބައެއް ޕްލެޓްފޯމްތައް ބޭންކޮށްފައެވެ. މީގެ އިތުރުން ތުރުކީވިލާތުން 15 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ގާނޫނެއް ފާސްކޮށްފައިވާއިރު، ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ދަނީ މިފަދަ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންނެވެ.
މެލޭޝިއާ ސަރުކާރުން ބާރުއަޅާ ގޮތުގައި މި ނިންމުމުގެ އަސްލު ބޭނުމަކީ ކުދިން އިންޓަނެޓާ މުޅިން ދުރުކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުމަކީ ކުދިންގެ އުމުރާ ގުޅޭގޮތަށް، ރައްކާތެރިކަމާއެކު ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން، ފަދަ "އެއްކޮށް މަނާކުރުމުގެ" ސިޔާސަތުތަކާ މެދު ކަންބޮޑުވުން ފާޅުކުރެއެވެ.
ޔޫކޭގެ "އާޓިކަލް 19" ޖަމާއަތުން ބުނާ ގޮތުގައި ކުޑަކުދިން ޑިޖިޓަލް ދުނިޔެއިން މަހުރޫމްކުރުމުގެ ބަދަލުގައި އެކުދިންނަށް ރައްކާތެރި މާހައުލެއް ބިނާކޮށްދޭން ޖެހޭނެ ކަމަށާއި، މިގޮތަށް މަނާ ކުރުމަކީ ސޯޝަލް މީޑިއާ ކުންފުނިތަކުގެ ވިޔަފާރީގެ އޮނިގަނޑުގައި ހުރި އަސްލު މައްސަލަތަކަށް އޮތް ހައްލެއް ނޫނެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން އިތުރުވަމުންދާއިރު، މެލޭޝިއާ ވެގެން ގޮސްފައިވަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ދެކޮޅަށް ގާނޫނީ ހަރުކަށި އޮނިގަނޑެއް އެކުލަވާލި މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ