"މޯލްޑިވްސް 2.0" މަޝްރޫޢާއެކު ލާމަރުކަޒީ ނިޒާމެއްގެތެރެއިން ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވި، ހަރުދަނާވެގެންދާނެ ކަމަށް މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ، މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ވިދާޅުވެެއްޖެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން "ޓްރޭޑް ޓެސްކު ވިތު އަނާ"ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ޕޮޑްކާސްޑުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ، މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ވަނީ މޯލްޑިވްސް 2.0އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ސަޢީދާ ވިދާޅުވީ، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން ސިޔާސަތު ނުވަތަ މޯލްޑިވްސް 2.0ގައި ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވެެއްޖެނަމަ ވަރަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ލާމަރުކަޒީ ނިޒާމަކުން މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދިއުމާއެކު، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ކޮންމެ މީހަކުވެސް އެމީހެއް ބޭނުންވާ ތަނެއްގައި ތިބެގެން ޚިދުމަތްތަކަށް ވާސިލްވުމާއި އަދި ކުރަން ބޭނުންވާ މަސައްކަތްތައް ކުރެވުމާއި އަދި ޑިޖިޓަލްކޮށް މިކުރަން ބޭނުންވާ މަސައްކަތްތައް އެ އެންވަޔަރަމަންޓުގެ ތެރޭގައި ކުރުމުގެ މަގު ފަހިވެގެންދާނެ. އެހެންވެ ކުރިއަށް އޮތްތަނުގައި ފެނިގެންދަނީ މި ގެނެވޭ ބަދަލުތަކާއި އެކީގައި ރައްޔިތުންނަށް ދޭ ޚިދުމަތްތަކަކީވެސް ވަރަށް ޕާސަނަލައިޒްކުރެވި، އެމީހަަކަށް ޓެއިލާކުރެވިގެން ދެވޭ ޚިދުމަތް ތަކެއްގެގޮތުގައި." ސަޢީދާ ވިދާޅުވިއެވެ.
ސަޢީދާ ވިދާޅުވީ، މި ޑިޖިޓަލައިޒޭޝަން ސިޔާސަތާއެކު ވަޒީފާގެ މާހައުލަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރާ ކޮންމެ މީހަކަށްވެސް ވަޒީފާގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް އެންމެ އެދެވޭ ގޮތެއްގައި ބެލެންސް ކުރުމަށް ފަސޭހަވެގެން ދިއުމުގެ އިތުރުން އާއިލީ ގުޅުންތައް ބަދަހިކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ސަޢީދާ ވިދާޅުވިއެވެ.
"އާއިލާތަކަށް ދެވޭ ވަގުތުތައް އިތުރުވުމާއި، ރަހުމަތްތެރިންނާ އެއްކޮށް ހޭދަކުރާ ވަގުތު އިތުރުވުމާއި އަދި އަޅުގަނޑުމެން ހިތްހަމަޖެހިގެން އުޅުމަށް ވަރަށް ބޮޑު ފުރުސަތުތަކެއް މީގެ ތެރެއިން މަގު ފަހިވެގެންދާނެ. އެހެންވެ ޓެކްނޮލޮޖީ އޭގެ އެންމެ ފުރިހަމަ ގޮތެއްގައި އަޅުގަނޑުމެންނަށް ބޭނުންކުރެވެން ފެށުމާއެކީގައި އަޅުގަނޑުމެންނަށް މިފަދަ ވަރަށް ބޮޑު ބަދަލުތަކެއް ފެނިގެންދާނެ." ސަޢީދާ ވިދާޅުވިއެވެ.
މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާޙީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙުކުރި "މޯލްޑިވްސް 2.0" ޕްރޮގްރާމަކީ، ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒު ކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާޙީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާ ކުރެވޭނެއެވެ. އަދި ހިންގުމުގައި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކިވަކި ނިޒާމުތަކެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖުރިބާ ބަދަލު ކުރެވޭނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
މޯލްޑިވްސް 2.0: ޚިދުމަތް ހޯދަން ފަސޭހަވެ، ގިނަ ލުއިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ