ބޮބީއާ އެކު ހޭދަކުރި ދުވަސްތަކަކީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް: ޕޫޖާ

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި މަޝްހޫރު ބަތަލާ ޕޫޖާ ބަޓްގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ހޭދަކުރެވުނީ ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު ބޮބީ ޑިއޯލްއާ އެކު ކަމަށް ބަތަލާ ބުނެފިއެވެ. އުމުރުން 54 އަހަރުގެ ބަތަލާ ދާދިފަހުން ބައިވެރިވި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ބުނީ، ބޮބީއާ އެކު ހޭދަކުރެވުނު ދުވަސްވަރަކީ ހަޔާތުގެ އުފާވެރި ދުވަސްތައް ކަމުގައިވީ ނަމަވެސް ދެ މީހުންގެ ގުޅުން ނިމުމަކަށް އައި ސަބަބާ ބެހޭގޮތުން މިއަދު ވާހަކަދެއްކުމަކީ އެންމެ ރީތި ގޮތެއް ކަމަކަށް އޭނާ ނުދެކޭ ކަމަށެވެ. މި ވާހަކަތައް ފެންމަތިވީ، ޕޫޖާގެ ފުރަތަމަ ފިލްމު 'ޑެޑީ' އަށްފަހު، ބައްޕަ މަހޭޝް ބަޓްގެ 'އާޝިގީ'އިން ފުރުސަތު ލިބުމުންވެސް އެ ފިލްމުގައި މަސައްކަތް ނުކުރީ ކީއްވެގެންތޯ ކުރެވުނު ސުވާލަކާ ގުޅިގެންނެވެ. ޕޫޖާ ބުނި ގޮތުގައި އޭރު އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާ، އޭނާގެ ފިލްމީ ކެރިއަރަށް މާ ބޮޑު އެއްބާރުލުމެއް ނުދެއެވެ. އިންޓަނެޓުގައި މީހުން ޝައްކުކުރާ ފަދައިން އެއީ ބޮބީ ޑިއޯލްތޯ ސުވާލުކުރުމުން، ޕޫޖާ ބުނީ ބޮބީއާ ދިމާވީ މާ ފަހުން ކަމަށެވެ. ޕޫޖާ ބައްޕަ މަހޭޝް ބަޓްއާ އެކު--ފޮޓޯ/އެންޑީޓީވީ "ބޮބީ ދެކެ ލޯބިނުވާންވީ އެއްވެސް ސަބަބެއް އޮންނާނެހެން ހީވޭތަ؟ ނަމަވެސް، ދިރިއުޅުމުގައި އަހަރެމެން ކުރިއަށްދާން ބޭނުންވީ ދެ މިސްރާބަކަށް. އެއީ އަހަރެންގެ ހަޔާތުގެ ވަރަށް އުފާވެރި ދުވަސްވަރެއް" ޕޫޖާ ބުނެފައިވެއެވެ. ބޮބީއާ ދެ މީހުންގެ ލޯބީގެ ގުޅުން އޭރު އެއްވެސް ވަރަކަށް ސިއްރުނުކުރާ ކަމަށާއި އެހެންވެ އެ ދުވަސްވަރު އެ ދެ މީހުންގެ ލޯބީގެ ގުޅުމަކީ އޭރު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދި ގުޅުމެއްގެ ގޮތުގައި ޕޫޖާ ވަނީ ސިފަކޮށްފައެވެ. ޕޫޖާ އިތުރަށް ބުނިގޮތުގައި، މީހަކާ އެކު ހޭދަކުރި ވަގުތުތަކާއި އެ ގުޅުމުގެ އަގު ވައްޓާލުމުގެ ގޮތުން ވާހަކަ ދެއްކުމަކީ ދުވަހަކުވެސް އޭނާ ނުކުރާނެ ކަމެއް ކަމަށެވެ. ބޮބީއާ އެކު އޮތް ގުޅުން ދެމިއޮތީ ދެމިއޮންނަން އޮތް މިންވަރަށް ކަމަށާއި ދެ މީހުންގެ މިހާރުގެ ދިރިއުޅުމަށް އިހުތިރާމް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމު "ބަރުސާތު"އިން ބޮލީވުޑަށް ތައާރަފްވި ބޮބީ ޑިއޯލް އިންޓީރިއާ އަދި ފެޝަން ޑިޒައިނަރު ތާނިއާ ޑިއޯލްއާ ކައިވެނިކުރީ 1996 ވަނަ އަހަރުއެވެ. ދެ މީހުންގެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައެވެ. ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަޓް އާއިލާއަށް ނިސްބަތްވާ ޕޫޖާ އަކީ، ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ދޮށީ ދަރިފުޅެވެ. ބަތަލާ އާލިއާ ބަޓްގެ އެއްބަފާ ދައްތަ ޕޫޖާގެ ފިލްމީ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެތެރޭ، "ދިލް ހޭ ކެ މާންތާ ނެހީ"، "ސަޅަކް"، "ޖުނޫން" އަދި ނެޝަނަލް އެވޯޑު ކާމިޔާބުކުރި ފިލްމުތައް ކަމަށްވާ "ޒަޚަމް"ގެ އިތުރުން "ތަމަންނާ" ހިމެނެއެވެ. އަމިއްލަ ފިލްމު ކުންފުންޏެއް ހިންގަމުން އަންނަ ޕޫޖާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޗުޕް: ރިވެންޖް އޮފް ދި އާޓިސްޓް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ