ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރަން ޕާކިސްތާނުން ނިންމި އެންމެ ބޮޑު ސަބަބަކީ ކުރިމަގަށް ޓީމު ބިނާކުރުމަށް ކަމަށްވާއިރު، ބަންގްލަދޭޝް އިން މި މުބާރާތުގެ ފައިނަލު ކުޅެން ޓާގެޓްކޮށްފައިވާ ކަމަށް ބުނެފި އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާއިރު، މިރޭ ކުޅޭ މެޗުގައި ރާއްޖޭން ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. މުބާރާތުގެ ފުރަތަމަ މެޗުތަކުގެ ކުރިން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްގެންގޮސްފަ އެވެ.
ޕާކިސްތާންގެ ކޯޗު ޕެރޫގެ ނޮލްބާޓޯ ސޮލާނޯ ބުނީ، ގައުމީ ޓީމުގެ ގިނަ މެޗުތައް ކުޅެން ލިބެނީ ވަރަށް ދެމެޗު ދެމެދުގައި މުއްދަތު ދިގުކޮށް އޮންނަ ގޮތަށް ކަމަށާއި، އެކަމަކު ރާއްޖޭގައި ބާއްވާ މި މުބާރާތުގައި ގާތްގާތުގައި ރަނގަޅު މިންވަރަކަށް މެޗު ކުޅެން ލިބުމަކީ މުސްތަގުބަލަށް މަސައްކަތްކުރާ ޕާކިސްތާން ކަހަލަ ޓީމުތަކަށް ލިބޭ ބޮޑު ފުރުސަަތެއް ކަމަށެވެ. ގައުމެއްގެ ގޮތުަގައި ނުކުމެ، ގައުމީ ޓީމު ތަމްސީލްކުރަން ޕާކިސްތާނުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެކުގައި ގިނަ މެޗުތަކެއް ކުޅެގެން ކުރިއަށްދިއުމަށް ކަމަށާއި އުންމީދަކީ ރަނގަޅު ފެށުމަކާ އެކު ޑައިމަންޑް ޖުބިލީ މުބާރާތުގައި ކުރިއަށް ދިއުން ކަމަށް ސޮލާނޯ ވަނީ ބުނެފަ އެވެ.
"ގައުމީ ޓީމަށް ކުޅޭއިރު އަބަދުވެސް އިހުތިރާމާ އެކު އެކަން ކުރަންވާނީ، އެއީ ތިން ނުކުންނަނީ އަމިއްލަ ގައުމުގެ އެންމެ ރަނގަޅު ކުޅުންތެރިން އިދިކޮޅު ގައުމެއްގެ ވެސް އެންމެ ރަނގަޅު ކުޅުންތެރިންނާ ދެކޮޅަށް. މި މުބާރާތް މި ހުރިހާ ގޮތަކުން ވެސް އަހަރެމެންނަށް ތަޖުރިބާގެ ގޮތުން ބެލިޔަސް، މުސްތަގުބަލަށް ބެލިޔަސް ވަރަށް މުހިންމު،" ސޮލާނޯ ބުންޏެވެ.
އެ ގޮތުން، ޕާކިސްތާންގެ ގައުމީ ޓީމާ ހަވާލުވެ، ކުރެވުނު މަސައްކަތުގެ. އަލީގައި ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ފެނިފައިވާ ކަމަށާއި އެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުޅުވުމަކީ އޭނާ އަށް އޮތް ޒިންމާއެއް ކަމަށް ސޮލާނޯ ވަނީ ފާހަގަކޮށްފަ އެވެ.
"މުސްތަގުބަލަށް މި ތައްޔާރުވަނީ، މި އަހަރު ގިނަ މެޗުތަކެއް މުބާރާތްތަކެއް އެބަހުރި، މީގެއިންކުރިއަށް ގޮސް، އަންނަ އަހަރު އޭޝިއަން ކަޕް ކޮލިފައިން އަނެއްކާ ފަށާއިރު އެ އަމާޒުގައި އަހަރެެމެން ކުރިއަށްދާަނަން. ދެން، ވޯލްޑް ކަޕް ކޮލިފައިންގައި އެ އަށް ވެސް މަސައްކަތްކުރާނަން،" ސޮލާނޯ ބުންޏެވެ.
އޭނާ ބުނީ، މި މުބާރާތުގައި ބަންގްލަދޭޝް އިން ޒުވާން ޓީމެއް އައި ކަމަށް ވާހަކަތައް ދެކެވުނު ކަމުގައި ވިޔަސް، އޭނާގެ ވިސްނުމަކީ އެއީ ބަންގްލަދޭޝްގެ ގައުމީ ޓީމު ކަމަށާއި އެހެންކަމުން އެ އިހުތިރާމް ދީގެން ފުރަތަމަ ވެސް އޮތީ ވަރުގަދަ މެޗެއްގެ ގޮތުގައި ދެކިގެން ތައްޔާރުވާނެ ކަމަށެވެ.
"އަހަރެން ގަބޫލުކުރާގޮތުގައި ކޮންމެ ޓީމެއްގެ ވެސް މެންޓަލިޓީ ހުންނާނީ މުބާރާތް ކާމިޔާބުކުރަން،" ނިއުކާސަލް ޔުނައިޓެޑަށް ކުރިން ކުޅުނު ސޮލާނޯ ބުންޏެވެ.
ބަންގްލަދޭޝްގެ ސީނިއާ ޓީމު މި ވަގުތު ތައްޔާރުވަމުން އަންނަނީ ޔޫރަޕްގައި ސެން މެރީނޯއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެހެންކަމުން، ސީނިއާ ޓީމުގެ ކޯޗު ތޯމަސް ޑޫލޭ ހުރީ އެ ޓީމުގެ ކޯޗަކަށެވެ. ރާއްޖޭގެ މުބާރާތަށް ފޮނުވި ބަންގްލަދޭޝްގެ ޒުވާން ޓީމުގެ ކޯޗަކީ، ކުރިން ސީނިއާ ޓީމުގެ ކޯޗަކަށް ވެސް މަސައްކަތް ކުރި މައުރޫފުލް ހައްގު އެވެ.
އޭނާ ބުނީ، ޑައިމަންޑް ޖުބިލީ މުބާރާތަކީ ޑިވެލޮޕްމަންޓަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި މި މުބާރާތަށް ތައްޔާރުވާން ލިބުނު އެންމެ ފަސް ޓްރެއިނިން ސެޝަނަކީ ބައިނަލްއަގުވާމީ ލެވަލްގެ މުބާރާތަކަށް ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު ނިމުނު ބަންގްލަދޭޝް ޕްރިމިއާ ލީގުގައި ކުޅުނު ގިނަ ކުޅުންތެރިން ޓީމުގައި ހިމެނޭއިރު، މާޗް މަހު މާލޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝަށް ކާމިޔާބުކޮށްދިން ޓީމުގެ ތިން ކުޅުންތެރިން ވެސް ހިމެނޭ ކަމަށް މައުރޫފުލް ވަނީ ބުނެފަ އެވެ.
"އަހަރެން ވަރަށް އުފަލުން މި ހުރީ އެ ފަސް ޓްރެއިނިން ސެޝަންގައި ވެސް އެ މީހުންގެ ފަރާތުން އެ ފެނުނު ކަންތައްތަކާ މެދު. އަހަރެމެންގެ ކުދިންނަށް އެބައެނގޭ ކޮން ބަޔަކާ ވާދަކުރަންކަން މި ޖެހެނީ. އަހަރެމެންގެ އެވްރެޖް އުމުރަކީ 23. އަހަރެމެން ރާއްޖެ ކަހަލަ ވަރުގަަދަ ޓީމުތަކާ މި ކުޅެން ޖެހޭނީ، އަމާޒަކީ ކުރިއަށްދިއުން، ފައިނަލުގައި ކުޅުން، އިންޝާﷲ،" މައުރޫފުލް ބުންޏެވެ.
"އަހަރެމެންގެ ލޯކަލް މީޑިއާތަކުން އެބަބުނޭ، ތަޖުރިބާ އަށޭ މި ޓީމު މި އޮތީ. ހަގީގަތުގައި އެހެންނެއްނޫން. ޓްރެއިނިންގެ ފުރަތަމަ ދުވަހުން ފެށިގެން އަހަރެމެން އަމާޒެއް އޮވެގެން މަސައްކަތް މި ކުރަނީ. އެއީ، ފައިނަލަށް ދިއުމަށް، އިންޝާﷲ ، އެ ނޫން ޓާގެޓެއް ނެތް، ތަޖުރިބާ އަށް އެކަނި އެއް ނޫން މި އައީ،"
ބޭރުގެ ގައުމުތަކުގައި ކުޅޭ ބަންގްލަދޭޝްގެ ހަ ކުޅުންތެރިއަކު ޓީމަށް ގެނެވޭތޯ މަސައްކަތް ކުރި ކަމަށާއި އެކަމަކު، އެކަން ކާމިޔާބުނުވި ކަަމަށް މައުރޫފުލް ވަނީ ބުނެފަ އެވެ.
ޕާކިސްތާންގެ ވިސްނުން ޓީމު ބިނާކުރަން، ބަންގްލަދޭޝްގެ ޓާގެޓް ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ