އިތުބާރު ނެތްކަމުގެ މައްސަލަ: ނާޒިމަށް ޖަވާބުދާރީވާން 10 މިނެޓު، މެންބަރުން ބަހުސްކުރަން 50 މިނެޓު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުގައި މެންބަރުން ބަހުސްކުރަން 50 މިނެޓުދީ، ނާޒިމް ޖަވާބުދާރީވުމަށް 10 މިނެޓު ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ. ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު (ސަޓޯ) ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއެވެ. ޢަބްދުއްސައްތާރު ހުށަހެޅުއްވީ، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނާޒިމް ޖަވާބުދާރީވެވަޑައިގަތުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، އަދި ކޮންމެ މެންބަރަކު ބަހުސްކުރުމަށް ތިން މިނެޓު ދޭ ގޮތަށް ބަހުސަށް 50 މިނެޓު ކަނޑައެޅުމަށެވެ. އޭރުން މި މައްސަލައަށް ހޭދަވާނީ އެއް ގަޑިއިރެވެ. އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. ޢަބްދުއްސައްތާރުގެ ހުށަހެޅުމަށް ފަސް މެންބަރަކު ތާއީދުކުރެއްވިއިރު، ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ އެއް މެންބަރަކު އިންނެވިއެވެ. މިއަދުގެ ކޮމިޓީއަށް ހާޒިރުވީ ހަތް މެންބަރުންނެވެ. ބެލެވޭ ގޮތުގައި، ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރާ ޖަލްސާ މާދަމާ އޮންނާނެއެވެ. ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނު ސަބަބު އަދިވެސް ހާމަ ނުކުރެއެވެ. https://sun.mv/221984 ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ. ހަތްދިހަ ތިން މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ހުށަހެޅި ގަރާރުގައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ. "މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކުރަމުން ދާތީއާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަޖިލީހުގެ ނައިބު ރައީސް ހިތްވަރު ދީ، ޒިންމާއިން ބަރީއަވެފައިވާތީ،" މައްސަލަ ހުށަހެޅި ސަބަބުގެ ގޮތުގައި ގަރާރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ