އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން، ރައްދު ހަމަލާ ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައްވައިފި އެވެ.
އެމެރިކާގެ ނޫސް އެޖެންސީއެއް ކަމަށްވާ އެކްސިއޯސްއަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ނަތަންޔާހޫއާ ފޯނުން ގުޅުއްވައި އިރާނަށް ރައްދު ހަމަލާއެއް ނުދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން އިޒްރޭލްގެ ޗެނަލް 12 ނިއުސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އިތުރު ހަމަލާއެއް ފެންނަން ބޭނުން ނުވާކަމަށް ވިދާޅުވެފަ އެވެ.
ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ގަބޫލު ކުރައްވަނީ މިހާރު ދެ ގައުމުން ވެސް ހަމަލާތައް ބަދަލުކޮށްފައިވާތީ، އިތުރު ހަމަލާއެއް ބޭނުންނުވާ ކަމަށެވެ.
އިރާނުގެ ހަމަލާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިރާނުން ފޮނުވާލި މިސައިލްތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ކޮންމެ ބަޔަކުވެސް އެބައެއްގެ ހިތްހަމަޖެހުމަށް ހަމަލާތަކެއް ދީފައިވާ ކަމަށާއި، އިޒްރޭލުން ކުރިން ދިން ހަމަލާއަށްފަހު އިރާނުންވެސް މިހާރު ހަމަލާއެއް ދީފައިވާތީ މައްސަލަ މިހިސާބުން ނިންމާލަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އިރާނާއެކު އެއްބަސްވުމަކަށް އައުން ނޫން ގޮތެއް ނަތަންޔާހޫއަށް މިހާރު ނެތް ކަމަށެވެ. ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި، އިތުރު ހަނގުރާމައަކަށް ފުރުސަތު ނުދީ، ސުލްހަވެރި ހައްލެއް ހޯދުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އިރާނުން އިޒްރޭލަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވަނީ، ދާދި ފަހުން އިޒްރޭލުން ދިން ހަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އިރާނުގެ ހަމަލާއަށް ރައްދު ނުދިނުމަށް ޓްރަމްޕް ނަތަންޔާހޫއަށް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ