ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމެރިކާ ސަރުކާރުން ބަލައިފި އެވެ.
ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީއިން ބުނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިސްވެރިޔަކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ.
"ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓު ސެކްރެޓަރީ ނިކޯލް ޗޫލިކް އެމްޕީއެލްއާ ބައްދަލުކުރައްވައި، މަޝްރޫއުގެ މައުލޫމާތު ސާފުކުރުމަށް ތިލަފުއްޓަށް ވަޑައިގެންނެވި..." އެމްބަސީއިން ސޯޝަލް މީޑިއާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އޭގެ އިތުރުން މުހިއްމު އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި ރާއްޖެއާ ގުޅިގެން ކުރިއަށްދެވޭނެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް ހޯއްދެވި ކަމަށް އެމްބަސީއިން ބުންޏެވެ.
މީގެ ކުރިން ނިކޯލް ޗޫލިކް ވަނީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ވެސް ބައްދަލުކުރައްވައި، އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގުމުގެ މަޝްވަރާތަކެއް ބާއްވަވާފަ އެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އެންޑް ސާވޭގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން (ސީއެޗްއީސީ) އާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އެމްޕީއެލްއިން "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް" ގެ ނަން ދީފައިވާ މި ފިޔަވަހީގައި ހިމެނޭ މަސައްކަތްތަކަކީ 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމަކާއި އެކްސް-ރޭ ފެސިލިޓީގެ އިތުރުން އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް ގާއިމްކުރުމެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި ސީއެޗްއީސީއާ ހަވާލުކުރީ ބަނދަރުގެ ޑިޒައިން މަސައްކަތެވެ. މި މަސައްކަތް ކުރަން އެ ކުންފުންޏަށް ދިނީ ފަސް މަހެވެ. އެމްޕީއެލްއިން ބުނި ގޮތުގައި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާނީ، މި މަސައްކަތް ނިންމައި، އަމަލީ މަސައްކަތް ކުރާނެ އަގަކަށް އެއްބަސްވެގެންނެވެ.
ތިލަފުށީގައި ކުރިއަށްދާ މި މަޝްރޫއުގެ ކަންކަން އެމެރިކާ ސަރުކާރުން ބަލާފައިވާ އިރު، މި ސަރުކާރު އައުމަށް ފަހު އެމެރިކާ އާއެކު އޮންނަ ގުޅުން ދަނީ ވަރަށް ބޮޑަށް ބަދަހިކުރަމުންނެވެ. އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ދޭތެރެދޭތެރެއިން ރާއްޖެއަށް ދަތުރުކުރެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯ ވެސް މިދިޔަ މާޗު މަހު ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވި އެވެ. އޭނާއަކީ ސައުތު އަދި ސެންޓްރަލް އޭޝިއާއަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބެވެ.
ޗައިނާއިން ކުރިއަށްގެންދާ ތިލަފުށި ވިޔަފާރި ބަނދަރު މަޝްރޫއުގެ މަސައްކަތް އެމެރިކާއިން ބަލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ