ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެއާއި ސައީދު!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު، އެ ގޮނޑިއަށް ވާދަކުރުމަށް ހުށަހަޅާފައި ވަނީ ދެ ކެންޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރުފަހު 3:00 އަށް ސުންގަޑި ހަމަވިއިރު ފޯމު ހުށަހަޅާފައިވަނީ މައި ދެ ޕާޓީގެ ފަރާތުންނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި، ސަރުކާރު މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި އަހުމަދު ސައީދު (ސޮޑާ) އެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާކަމަށް މިދިޔަ މަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ނުދެއްކި މައްސަލައިގައި، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމަކުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ޕްރައިމެރީއަށް ނަން ހުށަހެޅީ ހަމައެކަނި ސޯބެ އެވެ. އެހެންވެ އޭނާއަށް ޕާޓީގެ ޓިކެޓު ކަށަވަރުވީ އެވެ. އަދި ޕީއެންސީގެ ޕްރައިމެރީގައި ވާދަކޮށް ސިނާން ޓިކެޓު ކާމިޔާބު ކުރެއްވި އިރު، އޭގެ ފަހުން ވަނީ ޓިކެޓު ދޫކޮށްލަން ނިންމިކަން ހާމަކޮށްފަ އެވެ. އަދި ސިނާން ޓިކެޓު ދޫކުރުމުން ޕީއެންސީން ވަނީ ސައީދަކީ ކެންޑިޑޭޓުކަމަށް އިއުލާނުކޮށްފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ