އަނަސްގެ މަރު: ތުހުމަތު އޮތް މީހުން ބަންދުނުކުރި މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް

ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ތުހުމަތުވާ މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ މި މައްސަލައާ ގުޅޭ އިސްތިއުނާފެއް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދެވަނަ ފަހަރެވެ. އެގޮތުން މި މައްސަލައިގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން ދައުލަތުން އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނު ނަމަވެސް ހައިކޯޓުން ނިންމީ އެމީހުން ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
އެހެންވެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.
އެފަހަރު ސުޕްރީމް ކޯޓުން އެންގީ އެ ކޯޓުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށެވެ. އެގޮތަށް އަންގައި މައްސަލަ ހައިކޯޓަށް އަނބުރާ ފޮނުވާލީއެވެ.
ހައިކޯޓުގައި އަނެއްކާވެސް ބަންދާ ގުޅޭ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްފަހު ހައިކޯޓުން އަނެއްކާވެސް ނިންމީ އެމީހުން ބަންދުކުރަންޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އެހެންވެ ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.
މި މައްސަލައިގައި ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަށް ހުށަހަޅުއްވާފައެވެ. އަދި ދައުލަތުން ވަނީ އެމީހުން ބަންދު ނުކުރުމަށް ނިންމީ ގޯސްކޮށްކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
ދައުލަތުގެ ވަކީލު ވަނީ މިއީ 2 ޖުލައި 2024 ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް އިސްލާޙެއް ގެނައުމަށްފަހު ކޯޓަށް ހުށަހެޅިފައިވާ ފުރަތަމަ މައްސަލަކަން ފާހަގަ ކުރައްވައި، އެކަމާ ގުޅޭގޮތުން ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން 199 ވަނަ މާއްދާއަށް ރިއާޔަތްކޮށް ހައިކޯޓުން މިހާތަނަށް 11 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، އެކި މައްސަލަތަކުގައި ހުރީ އެކި ގޮތްތަކަށް ނިންމާފައިކަމަށެވެ.
އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙު ގެނެވިފައިވަނީވެސް އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށްކަމަށް ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީ ފަނޑިޔާރުން ވަނީ އެ ފުރުސަތު ދެއްވާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ