ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެންމެ އުސް އިމާރާތުގައި ކާރެއް ވަރުގެ މަތިންދާބޯޓެއް ހުކުރު ދުވަހު ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްފަ އެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
"ސީއައިޓީއައިސީ ޓަވަރު" ނުވަތަ "ޗައިނާ ޒުން" ގެ ނަމުން މަޝްހޫރުވެފައިވާ މި އިމާރާތަކީ ބެއިޖިންގެ މަރުކަޒީ ވިޔަފާރި ސަރަހައްދުގައި ހުންނަ 108 ބުރީގެ އުސް އިމާރާތެކެވެ. މިއީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސީއައިޓީއައިސީ ގްރޫޕްގެ މައި މަރުކަޒު ވެސް މެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އެ ސަރަހައްދަށް ވަދެވެން ހުރި ބައެއް މަގުތައް ވަނީ އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
މި އެކްސިޑެންޓުގެ ސަބަބުން އެ އިމާރާތުގެ މަތީ ބުރިއެއްގެ ދެ ބިއްލޫރިގަނޑަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެ ސަރަހައްދުން ރޮއިޓާޒްއަށް މައުލޫމާތު ދިން މީހުން ބުނީ ހުކުރު ދުވަހު ބެއިޖިން ގަޑިން ހަވީރު 6:00 ހާއިރު ބޯޓު އިމާރާތުގައި ޖެހި ބާރު އަޑެއް އިވުނު ކަމަށެވެ.
"އެއީ ވަރަށް ބާރު އަޑެއް. ހަވާއެރުވުމަށް ވުރެ ވެސް އެ އަޑު މާ ބާރު،" އެކަކު ކިޔައިދިނެވެ.
އެ މީހާ ބުނި ގޮތުގައި، ބޯޓު އިމާރާތުގެ ތެރެއަށް ވަދެފައި އިން މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ ނެގި އެވެ. ނަމަވެސް ފުލުހުންނަށް އަތުވެދާނެތީ ބިރުން ފަހުން އެ ވީޑިއޯ ވަނީ ފޮހެލާފަ އެވެ.
ފުލުހުން ދިޔައީ އެ ސަރަހައްދުގައި ތިބި މީހުން ފޮޓޯ ނެގުން ހުއްޓުވައި، ނަގާފައިވާ ފޮޓޯތައް ފޮހެލުމަށް އަންގަމުންނެވެ.
ހުކުރު ދުވަހު މި ހާދިސާއާ ގުޅޭގޮތުން ޗައިނާގެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި މައުލޫމާތުތައް ވަނީ ވަރަށް އަވަހަށް ފޮހެލާފަ އެވެ. ޗައިނާގެ "ޝިއާއޯހޮންގްޝޫ" ނުވަތަ ރެޑް ނޯޓް އެޕްލިކޭޝަނުން އެ އިމާރާތުގެ ނަމުން ސާޗް ކުރުމުން ފެންނަން ހުރީ ހަމައެކަނި ބުރާސްފަތި ދުވަހާ ހަމައަށް ހުރި ޕޯސްޓުތަކެވެ.
މިއީ ގަސްތުގައި ރާވައިގެން ދިން ހަމަލާއެއް ކަމެއް ނުވަތަ އެކްސިޑެންޓެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ބެއިޖިންގެ އެ ހިސާބުގެ ވައިގެ ސަރަހައްދަކީ އާންމުކޮށް އުދުހުން ވަރަށް ބޮޑަށް މަނާކޮށްފައިވާ ސަރަހައްދެކެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ރޮއިޓާސްއަށް ކިޔައިދިން ގޮތުގައި، އޭނާއަށް ވެސް އެ ބާރު އަޑު އިވުނެވެ. އަދި އެ ސަރަހައްދުގެ މަތިން ބޯޓެއް އުދުހުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާބޯޓެއް ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ