އުރުދުން މެޗުގައި މެސީ ބެންޗަށް: ސްކަލޯނީ ޔަގީންކޮށްދެނީ ޓީމުގެ ފެންވަރު ރަނގަޅުވާނެކަން

މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓުގެ ރޭހުގައި ކުރީގައި އުޅޭ ލިއޮނަލް މެސީއަށް، އުރުދުންއާ ދެކޮޅަށް ކުޅޭ މެޗުގައި އަރާމުކުރަން ފުރުސަތު ދިނުމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ނިންމައިފިއެވެ. މި ހަފުތާގައި އުމުރުން 39 އަހަރުފުރުނު މެސީ ވަނީ މުބާރާތުގައި އާޖެންޓީނާއިން ޖެހި ފަސް ލަނޑު ވެސް ކާމިޔާބުކޮށްދީ، ގްރޫޕް ޖޭގެ އެއްވަނަ ޓީމުގެ ގޮތުގައި އެ ގައުމު ގަދަ 32 ގެ ބުރަށް ކޮލިފައިކޮށްދީފައެވެ. އެހެންކަމުން، މުބާރާތުން ކަޓާފައިވާ އުރުދުންއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗުގައި މެސީ ފަށާނީ ބެންޗުންނެވެ. ކޯޗު ސްކަލޯނީ ބުނީ މެސީ ބެންޗުގައި ބޭންދި ނަމަވެސް، މެޗުގެ ފަހުކޮޅު އޭނާ ކުޅެން އަރުވާނެ ކަމަށާއި، މި ނިންމުމަކީ ދެވަނަ ބުރުގައި ވާދަކުރަންޖެހޭ ކޭޕް ވާޑް މެޗަށް ބަލާފައި ނިންމި ނިންމުމެއް ނޫން ކަމަށެވެ. ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ ކޯޗު އުންމީދުކުރަނީ މެސީ ނުލައި ކުޅުނު ނަމަވެސް، ޓީމުގެ އެހެން ކުޅުންތެރިން ކުރިއަށް ނިކުމެ ކުރީގެ މެޗުތަކެކޭ އެއް ފެންވަރެއްގެ ކުޅުމެއް ދައްކާނެ ކަމަށެވެ. މެސީ އަކީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ކުޅުންތެރިޔާއެވެ. އަދި އާޖެންޓީނާގެ އެޓޭކްތައް އުފެއްދުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ އޭނާއެވެ. ނަމަވެސް ސްކަލޯނީ ބުނީ ގައުމީ ޖާޒީގައި ކުޅޭއިރު، ޕޮއިންޓް ބޭނުންވިޔަސް ނުވިޔަސް، އަބަދުވެސް އަމާޒަކީ މެޗު ކޮންޓްރޯލްކޮށްގެން މޮޅުވުން ކަމަށެވެ. އަދި އުރުދުންއަކީ ފަސޭހަކުރެވޭނެ ޓީމެއް ނޫންކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. މިހާތަނަށް ވޯލްޑް ކަޕްގެ ފަހު އަށް މެޗުން ބަލިނުވެ އޮތް އާޖެންޓީނާ މިހާރު އަންނަނީ އެއް ކޯޗެއްގެ ދަށުން އެ ގައުމުގެ ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް ބަލިނުވެ މެޗުތައް ހިފަހައްޓަމުންނެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ކާލޮސް ބިލާޑޯގެ އަތުގައެވެ. އަނެއްކޮޅުން، ދުނިޔޭގެ ރޭންކިންގެ 68 ވަނައިގައި އޮތް އުރުދުންގެ އަމާޒަކީ، ވޯލްޑް ކަޕްގެ ތާރީޚުގައި ދުނިޔޭގެ ޗެމްޕިއަނުން ބަލިކުރާ އެންމެ ރޭންކިން ދަށް ޓީމަށް ވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ