ފެނަކައިގެ ސަބަބުން މަސްވެރިކަން ދަށަށް ދިޔަ: ތަރުޖަމާނު

ފެނަކަ ކުންފުނި އުފައްދައި، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ދިނުމާ އެކު މަސްވެރިކަމުގެ ސިނާއަތަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ ފެނަކަ ކުންފުނިން ޒުވާނުންނަށް ވަޒީފާ ދިނުން މިދިޔަ ސަރުކާރުން ޓްރެންޑަކަށް ހަދާފައިވާ ކަމަށެވެ. އަދި އޭގެ އަސަރު އެންމެ މަސްވެރިކަމަށްކޮށް، މަސްވެރިކަން ދަށަށް ދިޔަ ކަމަށް ވިދާޅުވި އެވެ.
މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ އެންމެ ރަނގަޅަށް ނުރާވައި، ނުވަތަ ދުރަށް ނުވިސްނައި އެ ކުންފުންޏަށް ގިނަ އަދަދެއްގެ ޒުވާނުން ނެގުމުން، ކުޑަ އަދި މެދު ސައިޒުގެ ރަށްރަށުގެ އެހެން ސިނާއަތްތައް ހުއްޓުނު ކަމަށެވެ.
"މަހަށް ފުރަންޏާ ފަޅުވެރިން ބޭނުންވާނެ ދެއްތޯ. އެކަމަކު [ދާނެ މީހަކު ނުވެގެން] ބައެއް ރަށްރަށުގައި އޮޑިތައް ސަޕްލައި ދޯނިތަކަށް ބަދަލުކޮށް، ރިސޯޓުތަކަށް ކުއްޔަށް ދޭން ޖެހުނު،" އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި:
ފެނަކައިގެ ވަޒީފާއާ ހެދި ބައެއް ރަށްރަށުގައި މަސްވެރިކަން ހުއްޓުނު
އަދި ވަރުގަދަ ގިނަ ކެޔޮޅުން މަސްވެރިކަމާ ދުރަށް ދިޔަ
އޭނާ ވިދާޅުވީ އޭގެ ހަގީގަތް، މަސްވެރިކަމުގައި އުޅޭ އުޅަނދުތަކުގެ ތަފާސްހިސާބަށް ބަލާލީމާ ފެންނާނެ ކަމަށެވެ.
ސަރުކާރުން މިހާރު އަންނަނީ ފެނަކައިން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ހަތަރު މަހުގެ މުސާރައާއެކު، ވަޒީފާއިން ކެނޑުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ، ފެނަކައަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން، އެ ކުންފުނި އުފެއްދީއްސުރެ މިހާތަނަށް އައިއިރު ވެސް ދަމަހައްޓަން އުނދަގޫ ކުންފުންޏެއް ކަމަށެވެ. އަދި އެއީ މާލީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުމެއްކަން ވެސް ފާހަގަ ކުރެއްވި އެވެ. އެހެންވެ، އެ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ނިމޭއިރު، ފެނަކައިގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަދުވާނެ އެވެ. އެކަމަކު އޭގެ ސަބަބުން މާލީ ގޮތުން ސަލާމަތްވަނީ ކިހާވަރެއްކަން ބުނަން އެނގޭނީ، އުނިކުރީ ކޮން ފެންވަރެއްގެ ވަޒީފާތަކެއްކަން އެނގިގެން ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިއްމު- މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އުނދަގޫ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަރަށް ފަހުން ވަނީ ވިދާޅުވެފަ އެވެ.
އޭގެ އެއް ސަބަބެއްގެ ގޮތުގައި އޭނާ ވެސް ފާހަގަކުރެއްވީ، 'ކުންފުނިތަކުން ވަޒީފާދީ، ސިޔާސީ މަންފާ ހޯދުމަށް މަސްވެރިކަމުގައި އުޅޭ މީހުން ބޭނުން ކުރުމެ'ވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ