'ގިލަން' މުޅި ރާއްޖެއަށް: 50 އަށްވުރެ ގިނަ ރަށުގައި އަޅުވަން ނިންމައިފި
އަންނަ އަންގާރަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ، ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމް "ގިލަން" ރާއްޖޭގެ 50 އަށްވުރެ ގިނަ ރަށުގައި އެޅުވުމަށް ތާރީޚު ފައިނަލް ކޮށްފިއެވެ. މި ފިލްމު މާލޭގެ އިތުރުން އަތޮޅުތެރޭގައި އެޅުވުމުގެ މަސައްކަތް ކުރަމުންދަނީ އައިލެންޑް ސިނެމާއިންނެވެ. އައިލެންޑް ސިނަމާއަކީ ދިވެހި ފިލްމުތައް، ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ހިސާބުތަކުގައި އެޅުވުމުގެ މަސައްކަތް ކުރަމުންދާ ޓީމެކެވެ. އެގޮތުން، އައިލެންޑް ސިނަމާއިން ވަނީ މީގެ ކުރިން މަގުބޫލުވި ފިލްމުތައް އަޅުވައި، ބެލުންތެރިންނާއި ޕްރޮޑިއުސަރުންގެ އިތުބާރު ހޯދާފައެވެ. އެގޮތުން، "ކަމަނާ"، "ކަނބުލޮ" އަދި "އަލްވަދާޢު"އަކީ އެ ޓީމުން އެޅުވި ފިލްމުތަކެވެ. މިހާރު ވެސް 50އަށް ވުރެ ގިނަ ރަށުގައި މި ފިލްމު އަޅުވާނެ ތާރީޚުތައް ވަނީ ނިންމާފައެވެ. އަދި ވެސް އެ ފުރުސަތު އޮތްއިރު، މި ފިލްމު ރަށްރަށުގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9111164 ނުވަތަ 7779621 އަށް ވައިބާ ކުރުމަށް އައިލެންޑް ސިނަމާ އިން ވަނީ އެދިފައެވެ. ގިލަންގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފިލްމުގެ ޓިކެޓު ލިބޭނެއެވެ. އޮންލައިންކޮށް ޓިކެޓް ނެގުމުގެ ފުރުސަތު ހުޅުވާލުމާއެކު، ކިއޫގައި ނުޖެހި ބޭނުންވާ ޝޯއެއްގެ ޓިކެޓް އަވަހަށް ހޯދުމުގެ ފުރުސަތު މިހާރު ބެލުންތެރިންނަށް ވަނީ ފަހިވެފައެވެ. https://sun.mv/223865 މި ފިލްމަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަންގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި ފިލްމެކެވެ. 'ގިލަން' ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް، ހަމަ އެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކައަކަށް ބިނާކޮށެވެ. މިއީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ވެސް ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ ލީޑް ކާސްޓްގައި ހިމެނެނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތުމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދާއިި، އައިމިނަތު ނޫރާއާއި ދަރާ މުހައްމަދު ރަޝީދާއި މަރިޔަމް ޝަކީލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ