ޕާޓީ ދޫކޮށްލުމަށް ނިންމެވި ނިންމެވުމަށް ނަޝީދު މައާފަށް އެދިވަޑައިގެންފި

އެމްޑީޕީއާ ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފި އެވެ.
ރ. ދުވާފަރުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީގެ މެންބަރަކު ވަނީ 2023 ގައި ނަޝީދު އެ ޕާޓީއާ ވަކިވެ ވަޑައިގަތުމަކީ ވަރަށް ބޮޑަށް ދެރަވި ކަމެއް ކަމަށް ބުނެފަ އެވެ.
"މެންބަރުން އެދެނީ އަޅުގަނޑުމެންގެ ކިބައިން ކޮންމެވެސް ވަރަކަށް މައާފަށް އެދިލައިފައި އަޅުގަނޑުމެންނާއެކު ކުރިއަށްދާން،" އެ މެންބަރުން އެދުނެވެ.
އެއާއެކު ނަޝީދު ވަނީ އޭރު ގިނަ ކަންތައްތަކެއް ހިނގިކަން ފާހަގަކުރައްވާ އެކަމަށް އަލިއަޅުއްވާލައްވާފަ އެވެ.
އެ ގޮތުން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް 65 ގޮނޑި ލިބުނު ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަ ދެއްކެވުން ހުއްޓާލެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންނަށް 65 ގޮނޑި ލިބުނީ. އެ އަހަރު ނިމުނުއިރުގައި ރައީސް ސޯލިހު އަޅުގަނޑަކާ ދެން ވާހަކައެއް ނުދައްކާ،" ނަޝީދު ވިދާޅުވި އެވެ.
އޭގެ ފަހުން އަމާޒުވި ބޮމުގެ ހަމަލާއަށް ނަޝީދު އަލިއަޅުއްވާ ލެއްވި އެވެ.
"އަޅުގަނޑު މަރާލަން ވެގެން ތިން ތަނުގައި ބޮން ބަހައްޓައިގެން އައިސް ކޮންމެވެސް އެއްތަނެއްގައި ގޮއްވާލެވުނީ. ދެން އެ ތަހުގީގުތައް ހިނގި ގޮތް،" ނަޝީދު ވިދާޅުވެ އެވެ.
ނަޝީދު ވިދާޅުވީ އޭގެ ފަހުން ހަސަން ލަތީފާއި އީވާ އަބްދުﷲ އާއި އިލްޔާސް ލަބީބުގެ އިތުރުން ވައްޑެ ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށްލީ ކަމަށާއި އޭރު އާޒިމް ވަކިކޮށްފި ކަމަށެވެ.
"ލަދެއް އަޅުގަނޑުގެ ހުރިއްޔާ އަޅުގަނޑު ދާނެތާ އެ ހިސާބުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި އެމަނިކުފާނަށްވުރެ ގިނަ އަނިޔާ ލިބުނު މީހަކު އެމްޑީޕީގައި ނުހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ