ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި

ދިވެހިރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. ރައީސް މިއަދު ތަސްދީގު ކުރެއްވި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލު ގެޒެޓުކޮށްފައިވާއިރު، އެ އިސްލާހަށް އަމަލުކުރަން ފަށާނީ ތިން މަސް ފަހުންނެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި އެ ބިލުގެ ޖަދުވަލު އެކެއްގައިވަނީ މަސްތުވާއެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެ ކަމަށެވެ. ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ. https://sun.mv/214803 ޖަދުވަލު ދޭއްގައި ހިމެނެނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް އެކުލެވިގެން ތައްޔާރުކުރާ އުފެއްދުންތަކެވެ. އަދި، ޖަދުވަލު ތިނެއްގައި ހިމެނެނީ، މަަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އާލާތްތަކާއި އެއްޗެއްސާއި ކެމިކަލް ނުވަތަ މާއްދާތަކެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ. އަދި، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު އިސްލާހުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. މި ބިލުގައި ހިމަނާފައިވާ މައިގަނޑު ކަންތައްތަކަކީ: ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ތައާރަފުކުރުން. މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން. މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން. ޑުރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑުރަގު ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުން. މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން. ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން. މީގެ އިތުރުން، މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި އަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްޙީ މައްސަލަތައް ރައީސުލްޖުމްޙޫރިއްޔާއަށް އަންގައިދިނުމަށް ވަނީ ހިމަނާފައެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ ޖުލައި މަހުގެ 30ގައެވެ. https://sun.mv/209943 ރައީސް އެކަން އިއުލާން ކުރެއްވުމުން، މަރުގެ އަދަބު ނުދިނުމަށް ނުވަ ޖަމިއްޔާއަކުން ގޮވާލިއެވެ. އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ މަރުގެ އަދަބު ދިނުމަކީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށާއި އެއީ މިހާރު އެ އަދަބު ތަންފީޒުކުރަމުން އަންނަ ގައުމުތަކުން ވެސް އުވާލަމުން އަންނަ އަދަބެއް ކަމަށް ބަޔާނުގައި ސޮއިކޮށްފައިވާ ޖަމިއްޔާތަކުން ބުންޏެވެ. ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މިހާރު ވެސް، މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދެވޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ. އަދި މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ