ހަމަޖެހުމާއި ތަރައްގީ ހާސިލުކުރެވޭނީ އަޚުލާގު ރަނގަޅު، އުފެއްދުންތެރި ބަޔަކަށް ރައްޔިތުން ވެގެން: ރައީސް
ގައުމުގައި ހަމަޖެހުމާއި ތަރައްގީ ހާސިލުކުރެވޭނީ ގައުމުގެ ސަގާފަތް އިސްލާހުކުރެވި، ރައްޔިތުންގެ އަޚުލާގު ރަނގަޅުވެ، އުފެއްދުންތެރި ބަޔަކަށް ރައްޔިތުން ވެގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ދިވެހިބަހުގެ އެކެޑަމީން ހިންގި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލިއުންތެރިކަމާއި ވާހަކަދެއްކުމުގެ ފަންނުތަކާއި ހުނަރުތަކަކީ ގައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ އެންމެ އަސާސީ ދެ ހުނަރާއި ފަންނު ކަމަށެވެ. ރައީސް ވިދާޅުވީ، ގައުމު ކުރިއަރައި ދިއުމުގައި ސަގާފަތް އިސްލާހުވުން މުހިންމު ކަމަށެވެ. "އެ ބައެއްގެ ތަރިކަތަކަށް އިހުތިރާމުކުރެވެން ޖެހޭ. އެއާއެކު އެ ބައެއްގެ ފިކުރާއި ޚިޔާލުތައް ފުންވެ އުފެއްދުންތެރި، އަޚުލާގު ރަނގަޅު ހަރުދަނާ ބަޔަކަށްވާން ޖެހޭ. އޭރުން އަޅުގަނޑުމެންނަށް ހާސިލުވާނީ ހަމަޖެހުން، ތަރައްގީ، އަދި ރައްކާތެރިކަން،" ރައީސް ވިދާޅުވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް އެހެންވެ، ދިވެހި ތަރިކައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިބަހަށް ޚާއްސަކޮށް ވަކި ވުޒާރާއެއް އުފައްދައި، ތަރިކަ ދިރާސާކުރަން ވަކި މަރުކަޒެއް އުފައްދައި، ދިވެހިބަހުގެ އެކެޑަމީއާއި ދާރުލްއާސާރު ދިވެހިބަހުގެ ވުޒާރާގެ ދަށަށް ގެނައީ އެ ސަބަބަށްޓަކައެވެ. އެއާއެކު، ދިވެހީން ދިވެހީންނަށްވަނީ ދިވެހިބަހުގެ ސަބަބުން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ އެއް ޖީލުން އަނެއް ޖީލަށް ދިވެހިބަސް ރައްކާތެރިކަމާ އެކު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެ ގޮތުން، ދިވެހިބަސް ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތް އަހަރުން ފެށިގެން ކުރައްވާނެ ބައެއް ކަންކަން ރައީސް ހިއްސާކުރެއްވިއެވެ. އެއީ، ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކުގެ ފޮތްތައް ޗާޕުކުރުމަށްޓަކައި ޚާއްސަ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސައިދޭނެކަމާއި، އަންނަ އަހަރުން ފެށިގެން ކުޑަކުދިންނަށް ޚާއްސަ ދިވެހިބަހާއި ސަގާފަތާއި ތާރީޚުގެ ދާއިރާގެ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާ އެކު ހުޅުވާލުމާއި، ތާނައިގެ އަތުލިއުމުގެ މުބާރާތް ގައުމީ ފެންވަރުގައި ވަޒަންކުރެވޭ މުބާރާތަކަށް ހެދުމެވެ. ރައީސް، ދިވެހިބަހުގެ އެކެޑަމީން ހިންގި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނަ ހާސިލުކުރި ކުއްޖަކަށް ތަށި ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް އޭގެ އިތުރުން، ރައީސް ވަނީ ދިވެހިބަހުގެ ލިއުންތެރިކަމާއި ވާހަކަދެއްކުމުގެ ހުނަރުގެ ބޭނުން ހިފައި ޒިންމާދާރުކަމާ އެކު އެ ހުނަރުތަކުގެ ބޭނުންކުރަން ނަސޭހަތްތެރިވެވަޑައިގެންފައެވެ. ލިއުންތެރިކަމާއި ވާހަކަދެއްކުމުގެ ހުނަރުތަކަކީ ބޮޑު އަމާނާތެއްކަން އެ މަނިކުފާނު ހަނދާންކޮށްދެއްވިއެވެ. "އެއީ ދީނީ ގޮތުންނާއި ގައުމީ ގޮތުން މަސްލަހަތު ހުރި ލިޔުންތައް ލިޔުން، އެ ގޮތަށް ވާހަކަދެއްކުން، ފަސާދަޔަށް ނޫނެކޭ ބުނުން، އުފެއްދުންތެރި އާ ވިސްނުންތައް ވިސްނައި ޚިޔާލުތައް އާންމުކުރުން، ދޭދޭ ގައުމުތަކުގެ ގުޅުންތަކާއި ދިވެހި ގައުމުގެ ސަލާމަތާއި، އިޖުތިމާއީ އަދަބުތަކާއި ބަހުގެ ހަމަތަކަށް ފިސާރި ފަރުވާތެރިވުން، ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކޮންމެ ފޮޅުވަތެއް ވެސް ލިޔުން، ކޮންމެ ވާހަކައެއް ވެސް ހަގީގަތާއި މަސްލަހަތާ އެއް ގޮތަށް ބުނުން،" ރައީސް ވިދާޅުވިއެވެ. އަދި، ކޮންމެ ދަރިވަރަކު ވެސް ވާންވާނީ ގައުމުދެކެ ލޯބިވާ ކުއްޖަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ