ބޭނުންކުރެވޭ ރިޒާވުން 25 މިލިއަން ޑޮލަރު މަދުވެއްޖެ ބޭނުންކުރެވޭ ރިޒާވުން 25 މިލިއަން ޑޮލަރު މަދުވެއްޖެ

މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ޑޮލަރުގެ އަދަދަށް 25 މިލިއަން ޑޮލަރު މަދުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން ހާމަކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 810 މިލިއަން ޑޮލަރެވެ. މިއީ ޖުލައި މަހަށްވުރެ 35.5 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ޖުމްލަ ރިޒާވް މަތިވި ނަމަވެސް މިދިޔަ މަހު ބޭނުންކުރެވޭ ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ. ޖުލައި މަހު ބޭނުންކުރެވޭ ރިޒާވުގައި 213 މިލިއަން ޑޮލަރު ހުއްޓެވެ. އެ އަދަދު މިހާރު ވަނީ 188 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
ބޭނުންކުރެވޭ ރިޒާވު ހިސާބުކުރަނީ ޖުމްލަ ރިޒާވުން ކުރު މުއްދަތުގެ ދަަރަނި ކެނޑުމަށް ފަހު، އެތެރޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި ޑޮލަރުތައް ހިމަނައިގެންނެވެ.
އެމްއެމްއޭއިން ބޭންކުތަކުގައި އިންވެސްޓުކުރީ، މިދިޔަ އަހަރު ރިޒާވް ބޭންކް އޮފް އިންޑިއާއިން ނެގި 800 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީން ބަޔެކެވެ. މިދިޔަ މަސް ނިމުނުއިރު އެމްއެމްއޭ އިން ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރީ 117 މިލިއަން ޑޮލަރެވެ.
ބޭންކުރެވޭ ރިޒާވުގައި ހުރި ޑޮލަރު
ބޭނުންކުރެވޭ ރިޒާވުގައި ހުރި ޑޮލަރުގެ މިންވަރު 200 މިލިއަނުން ދަށަށް ގޮސްފައި މިވަނީ ތިން މަސް ފަހުންނެވެ. ރިޒާވު މަތިވާން ފެށުމާއެކު ޑޮލަރު ތާށިކަމުގެ މައްސަލައިގައި މިފަހުން ނެރުނު ނޫސް ބަޔާނެއްގައި އެމްއެމްއޭއިން ބުނީ މިކަން ހާސިލުކުރެވުނީ އެ އޮތޯރިޓީން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަަމަށެވެ.
ޑޮލަރު މާރުކުރަން މަޖުބޫރުކުރި ފަހުން، ބޭންކުތަކަށް މާރުކުރި ޑޮލަރުގެ ތެރެއިން 247 މިލިއަން ޑޮލަރު ވަނީ އެމްއެމްއޭއަށް ވަދެފަ އެވެ.
ރިޒާވުގެ ހާލަތު ރަނގަޅު ވަމުން ދިޔަ ނަމަވެސް ލިބޭ ޑޮލަރަށް ވުރެ ބޭނުންކުރާ ޑޮލަރުގެ އަދަދު އިތުރުވުމުން، ޑޮލަރު މައްސަލައަށް އަވަސް ހައްލެއް ނެތް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ޑޮލަރު ތާށިކަމުގެ މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު ފައިސާ ޗާޕުކުރަން ފެށި ގޮތަށް، އެ ހިނގި ތިން އަހަރުގެ ތެރޭގައި އަށް ބިލިއަން ރުފިޔާ ޗާޕުކޮށް، ރުފިޔާގެ ސަޕްލައި ނުބައްދަލު ވަރަކަށް މަތިވުމުން ކަމަށް އެ އޮތޯރިޓީން ގަބޫލުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ