ރިސޯޓް ލީގު: ފުރަތަމަ ޕްލޭއޮފުން މޮޅުވެ ސަންގެލި ދެ ވަނަ ބުރަށް ރިސޯޓް ލީގު: ފުރަތަމަ ޕްލޭއޮފުން މޮޅުވެ ސަންގެލި ދެ ވަނަ ބުރަށް

ރިސޯޓް ލީގު 2025 ގެ ނޯތު މާލެ ޒޯންގެ ގްރޫޕް އޭގެ ޕްލޭއޮފް މެޗުގައި، ރިޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް އަތުން އޮބްލު ސެލެކްޓް ސަންގެލިން 4-0 އިން މޮޅުވެ، ދެ ވަނަ ބުރަށް ދަތުރުކޮށްފި އެެވެ.
ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގެ ފުރަތަމަ ބުރު ގްރޫޕް ސްޓޭޖު ވަނީ ނިމިފަ އެވެ. އެއަށް ފަހު، ދެން އޮތީ ތިން ޓީމު ހިމެނޭ ގްރޫޕްތަކުގެ ދެ ވަނަ އާއި ތިން ވަނަގެ މެދުގައި ޕްލޭއޮފް އެވެ.
ޕްލޭއޮފުން މޮޅުވާ ޓީމުތަކާއި ގްރޫޕްތަކުގެ އެއް ވަނަ އަދި ގްރޫޕް އެފްގެ ދެ ވަނަ ހިމެނޭ ގޮތަށް ދެ ވަނަ ބުރުގައި ކުޅޭނީ ގަދަ 12 ޓީމެވެ. އެ އަށް ފަހު ދެން އޮންނާނީ ގަދަ ހަ ޓީމުގެ ބުރެކެވެ. އެ ބުރުގެ އެންމެ ފުލަށް ދާ ދެ ޓީމުގެ މެދުގައި، ސެމީ ފައިނަލުގެ ޖާގަ އަކަށް ޕްލޭއޮފެއް ކުޅޭނެ އެވެ. މި ޒޯންގެ ސެމީ ފައިނަލް މި މަހު 23 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
އެ ގޮތުން، ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި، ޖޯއި އައިލެންޑް، ދެ ވަނަ ބުރަށް ދަތުުރުކުރިއިރު، ދެ ވަނަ ޖާގަ މިއަދު ސަންގެލިން ވަނީ ހޯދައިފަ އެވެ.
ސަންގެލި އާއި ރިޒް ކާލްޓަންް އިން ގްރޫޕްގައި ކުޅުނު މެޗު އެއްވަރުވި ނަމަވެސް، މިއަދު ކުޅުނު މެޗުން ސަންގެލި ފަސޭހަ މޮޅެއް ހޯދި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އަބްދުﷲ ޒަމީން ދެ ގޯލާއި ޓީމުގެ ކެޕްޓަން، އާދަމް ނަސީރުގެ އިތުރުން މުހައްމަދު ނިހާން ގޯލެކެވެ.
ދެ ވަނަ ބުރުގެ ޖާގަ މި ވަގުތަށް ބަލާއިރު ޔަގީންކޮށްފައި އޮތީ ގްރޫޕް ބީން ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑް އާއި ގްރޫޕް ސީން ވަން އެންޑް އޮންލީ ރީތި ރަށް، ގްރޫޕް ޑީ އިން ބަރޮސް އަދި ގްރޫޕް އީ އިން އޯގާ އާރްޓް ރިސޯޓް މޯލްޑިވްސް އެވެ. ހަތަރު ޓީމު ކުޅޭ ގްރޫޕް އެފް އިން ލިބޭ ދެ ޖާގަ ހޯދީ ބަނޑޮސް އާއި ވަރު އެވެ.
ގަދަ 12 ޓީމު ކުޅޭ ބާކީ ހަތަރު ޖާގަ ކުރިއަށް އޮތް ދެ ދުވަސްތެރޭ ޔަގީންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ