ކޮންމެ މީހަކީވެސް އެހެން މީހުންގެ ލޯތްބާއި އަޅައިލުން އަދި އެހީތެރިކަމަށް ބޭނުންވާނެ މީހެކެވެ. ހަމައެއާއިއެކިު ތިމާއަކީ އެހެން މީހުން އިތުބާރުކުރާ މީހަކަށްވުމަށްވެސް ބޭނުންވާނެއެވެ. ވީމާ މިބުނެދެނީ އެކަންކަން ތިމާއަށް ލިބިގަނެވޭނެ 3 ސިފައެކެވެ.
އެއްވެސް މީހަކު ތިބާގެ ގާތުގައި ސިއްރުވާހަކައެއް ބުނެފައިވަނިކޮށް ދެމީހުންގެ ދެމެދުގައި ކިތަންމެ ބޮޑު މައްސަލައެއް ޖެހުނު ނަމަވެސް އަނެކާގެ ސިއްރު ބޭޒާރުނުކުރާށެވެ. އެސިއްރު ސިއްރެއްގެ ގޮތުގައި ހިފައިގެން ހިފައިގެން ކައްވަޅަށް ހިނގައްޖެނަމަ ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
އެހެނީ އެސިއްރަކީ އަމާނާތެކެވެ. އަމާނާތަށް ތެދުވެރިވުމަކީ އަޅުކަމެކެވެ. އަދި އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
ދެވަނަ ކަމަކީ މީހެއްގެ އަތުން ދަރަންޏެއް ނަގައިފިނަމަ އަދާކުރަން ބުނި މުއްދަތު ހަމަވެ ދައްކަން ބުނުމުގެ ކުރިން ދަރަނިއަދާކުރާށެވެ! ބަލަންވީ މުއްދަތު ހަމަވެ ދައްކަން ޖެހޭ ތާރީޚަކަށް ނޫނެވެ. ބަލަންވީ ތިމާއަށް ދަތިވެލައިގެން ނަމަވެސް ވީހާއަވަހަކަށް ދަރަނިއަދާކުރެވޭތޯއެވެ. އެއްބަސްވި މުއްދަތަށް ދަރަނި އަދާކުރެވޭނެ އެއްވެސް ގޮތެއް މެދުވެރިނުވިނަމަ ކުރިއާލައި އެމީހާގެ ގާތުގައި އެވާހަަކ ބުނެ މުއްދަތު އިތުރުކޮށްދިނުމަށް އެދޭށެވެ! މުއްދަތު ހަމަވެގެން އޭނާއަށް ބުނަން ޖެހިއްޖެނަމަ ރުޅިއައުދެވޭނެއެވެ.
އެއިރުން ކުރާނެ އެންމެ ބޮޑު ފައިދާއަކީ ތިބާގެ އިތުބާރު ބޮޑުވުމެވެ. ދެވަނަ ފަހަރު ދަރަންޏެއް ނަގަން ޖެހުނަސް އެއްވެސް ހިތްބުރަކަމެއް ނެތި ދޭހިތުން ދޭނެއެވެ.
ތިންވަނަ ކަމަކަށް ވަޢުދެއް ވެއްޖެނަމަ ކޮންމެ ގޮތަކުން ނަމަވެސް ފުއްދާށެވެ! ފުއްދޭނެ އެއްވެސް މަގެއް ނުފެނިއްޖެނަމަ އެމީހެއްގެ ކިބައިން މާފުހޯދަން އަވަސްވެގަންނާށެވެ! އަދި ފުއްދޭނެ ކަމުގެ ޔަޤީންކަން ނެތް ވަޢުދު ނުވާށެވެ!
އެއްވެސް މީހެއްގެ ކިބައިގައި މި 3 ސިފަ ހުރެއްޖެނަމަ އެމީހަކަށް މީސްތަކުންގެ ލޯބި ލިބެންފަށާނެއެވެ. ލޯބިލިބޭވަރު އިތުރުވެސްވާނެއެވެ. އިތުބާރުވެސް ބޮޑުވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ބޮޑުތަނުން ފަސޭކަން ލިބިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މި ތިން ސިފަ ލިބިގަނެވިއްޖެނަމަ އެހެން މީހުންގެ ލޯތްބާއި އަޅައިލުން އިތުރުވެ އަދި އިތުބާރުވެސް ބޮޑުތަނުން ބޮޑުވާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ