ވޭޕުގެ މައްސަލަތަކުގެ މިދިޔަ މަހު 30 މީހަކަށް ފިޔަވަޅު އެޅި؛ ޖޫރިމަނާގެ ގޮތުގައި 150،000ރ

ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 30 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާގެ ޖުމްލަ 150،000ރ އަށް އަރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
ތަފްސީލް - ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުގައި މިދިޔަމަހުގެ ނިޔަލަށް ވޭޕާއި އީ-ސިގިރޭޓް ބޭނުންކުރުމާއި، ގެންގުޅުމުގެ 11 މައްސަލަ ރެކޯޑުކުރެވިފައިވާއިރު، އެ މައްސަލަތަކުގައި ހިމެނޭ 30 މީހަކު ޖޫރިމަނާކުރެވިފައި ވެއެވެ. އެގޮތުން ޖޫރިމަނާކޮށްފައިވަނީ:
ވޭޕާއި އީ ސިގިރޭޓު ގެންގުޅުނު 16 މީހަކު
ވޭޕާއި އީ ސިގިރޭޓު ބޭނުންކުރި 14 މީހަކު
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މައްސަލަތަކުގައި މިދިޔަ މަހު ކޮށްފައިވާ ޖޫރިމަނާގެ އަދަދު ޖުމްލަ 150،000ރ އަަށް އަރަ އެވެ. އެއީ:
ވޭޕު ކޮށްގެން 85،000ރ
އެފަދަ ތަކެތި ގެންގުޅެގެން 65،000ރ
އެނގުން މުހިންމު - ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ވޭޕް ބޭނުންކޮށް، ވިޔަފާރި ކުރުމުގެ އިތުރުން ހިލޭ ބަހައިފި ނަމަ ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރާާނެ އެވެ. އެގޮތުން:
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ