އަންނަ ހަފުތާގެ ބްލަޑް މޫން: އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެ

އަންނަ އާދިއްތަ ދުވަހުގެ ރޭ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނދުކޭތަ ހިފާއިރު، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ބޮޑު ސަރަހައްދަކަށް 'ބްލަޑް މޫން'އެއް ފެންނާނެ ކަމަށް ލަފާކޮށްފިއެވެ. ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ. ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) ވިދާޅުވި ގޮތުގައި، އަންނަ އާދިއްތައިގައި ހިފާ ހަނދުކޭތަ އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެއެވެ. "ސަބަބަކީ، މި ކޭތަ އެންމެ ފުރިހަމަވާ ވަގުތު ކަމަށްވާ މާލޭގަޑިން ރޭގަނޑު 11:12 ގައި ހަނދު ހުންނާނީ މަލޭ އޮންނަ ޠޫލު (ލޮންޖިޓިޔުޑް) އަށް ވުރެން 13 ދަރަޖަ އިރުމަތީގައި ކަމަށްވެފައި، ހަ ދަރަޖަ ދެކުނު ޠޫލު (ލެޓިޓިޔުޑް) އެއްގައި ކަމަށްވުމުން ހަނދު ފެންނާނީ މާލެއަށް މެދު އުޑުގައި ހުންނައިރު ހުންނަ ފަދަ ގޮތެއްގައި މެދުއުޑާ ދާދި ކައިރީގައި ކަމަށް ވާތީއެވެ." އޭނާ ލިޔުއްވާފައިވެއެވެ. ރަޝީދު ވިދާޅުވީ، ލޮލަށް ފެންނަ ކޭތަ ހިފަން ފަށާ ވަގުތަކީ މާލޭ ގަޑިން 9:27 ކަމަށެވެ. އަދި ކޭތަ ވީއްލާ ގަޑިއަކީ 12:56 ކަމަށް އޭނާ ލަފާކުރައްވާފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ ރެޔަކީ ވިއްސާރަވާނޭ ރެއެއް ކަމަށް ލަފާނުކުރެވޭ ނަމަވެސް އުޑުމަތި ސާފު ނުވެދާނެ ކަމަށެވެ. ކޭތަ ހިފާ ދުވަސްތަކުގައި ރާއްޖޭގައި ކޭތަ ނަމާދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ