އަންނަ އަހަރުގެ މާރިޗުމަހުގެ ކުރިން ޑޮލަރު އޭޓީއެމްގެ ޚިދުމަތް، ވ. ތިނަދޫގައި ތަޢާރަފުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާމު މިހެން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ފެލިދެ އަތޮޅު ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާގައި ވާހަކަ ދައްކަވަމުންނެވެ.
ވ. ތިނަދޫ ބަނދަރު ސަރަޙައްދުގައި މިރޭ ކުރިއަށް ގެންދެވި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ތިނަދޫ ކައުންސިލުން ވަނީ ރަށުގެ ކަންކަމުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ރަށަށް މި ވަގުތު އެންމެ ބޭނުންވެފައިވާ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މީގެ އިތުރުން އުމްރާނީ ގޮތުންނާއި، ޞިއްޙީ ދާއިރާގެ ކަންކަން ހިމެނޭހެން ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ރަށުގެ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ.
ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަންކަމުގެ ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވ. ތިނަދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތްވެސް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. ރަށުގެ އިސްވެރިންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ވ. ތިނަދޫއަކީ ރަށުފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ މާރިޗުމަހުގެ ކުރިން ޑޮލަރ އޭ.ޓީ.އެމްގެ ޚިދުމަތް، ރަށުގައި ތަޢާރަފުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސްގެ ވައުދެއް: ތިނަދޫގައި ވެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ