މިނިވަން މީޑިއާ އާއި މިނިވަން ހިޔާލުގައި ތަޅު އަޅުވާ ބިލް ފާސްނުކަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް، އެ ބިލް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ.
އެ ބިލު ފާސްކުރިއިރު އިއްޔެ ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން ދިޔައީ މަޖިލިސް ކައިރީގައި ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އަދި ބިލު ފާސް ކުރީ އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލިސް ތަޅުމުގައި މުޒާހަރާ ކުރި ފަހުންނެވެ.
އިދިކޮޅު ބައެއް މެންބަރުން ނަން އިއްވައި ތަޅުމުން ބޭރުކުރި އެވެ.
ރައްޔިތުންގެ ހިޔާލުފާޅުކުރުމާއި މިނިވަންކަން ނައްތާލާ މި ބިލު ފާސްކުރަން ނެގި ވޯޓުގައި އެމްޑީޕީގެ މެންބަރުން ބައިވެރިއެއް ނުވެ އެވެ.
މި ބިލުން ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކާއި ރަޖިސްޓާ ނުކޮށް ހިންގާ ވެބްސައިޓުތަކަކުގެ އިތުރުން ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލަށް އިތުރުކޮށްފައިވާ މާއްދާތަކުގެ ތެރޭގައި، ކޮމިޝަނަށް ހުށަހަޅާ މައްސަލަ ބަލަން މެންބަރުން ކަނޑައަޅާނެ ގޮތުގެ އުސޫލު ބަޔާންކޮށްފައި އޮންނަ މާއްދާތަކެއް ހިމެނެ އެވެ. ބިލު އިސްލާހު ކުރީ، ކޮމިޝަނުގެ ބޭރުން ވެސް ވަކި މައްސަލައެއް ބެލުމަށް މެންބަރުން އައްޔަން ކުރެވިދާނެ އެވެ.
މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، "ރިޕޯޓާސް ވިތައުޓް ބޯޑާސް" ހިމެނޭ ގޮތަށް ބޭރުގެ 22 ޖަމިއްޔާއަކުން އެ ބިލު އަނބުރާ ގެންދަން ގޮވާލާފައިވެ އެވެ. އަދި ބިލާ ދެކޮޅަށް ރާއްޖޭގެ 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސް މުއިއްޒު އަށާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.
މަޖިލީހުގެ ދައުރުގެ ބޭރުން ބޭއްވި މި ޖަލްސާގައި ބިލް ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ބޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ. އެ ބިލުން ހިޔާލުފާޅުކުރުން ނައްތާލާތީ އެމްޑީޕީގެ މެންބަރުން ވޯޓުގައި ބައިވެރި ނުވެ، މަޖިލީހުގެ ތަޅުމުން ވެސް ނުކުމެވަޑައިގަތެވެ.
އެއަށްފަހު އެ ބޭފުޅުން މުޒާހަރާގައި ބައިވެރިވެ، މާލޭ މަގުތަކުގައި ހިނގައިލި އެވެ.
އިއްޔެ ހެނދުނު ބާއްވަން އުޅުނު ޖަލްސާ އެކިއެކި ސަބަބުތަކާ ހުރެ ލަސްކުރަމުން ގޮސް، ހަވީރު 5:00 ޖެހިއިރު ފެށީ، ބިލް ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދިޔަ ނޫސްވެރިންނާއި އާންމުން އެ ސަރަހައްދުން ނެރުމަށް ފަހު އެވެ.
ނަމަވެސް، ޕީއެންސީގެ މަދު ސަޕޯޓަރުން ކޮޅަކަށް މަޖިލީހުގެ ހުޅަނގު ފަރާތުގައި ތިބެގެން ބިލަށް ސަޕޯޓުކޮށް މުޒާހަރާ ކުރަން ފުރުސަތު ދިނެވެ. އަދި ސަރުކާރަށް ތާއިދުކުރާ ބައެއް މީހުން މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް ވެއްދިއިރު، ނޫސްވެރިން މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް ވެސް ވަނުމަށް ވެސް ފުލުހުން ހުރަސް އެޅި އެވެ.
ހުލާސާކޮށް އިއްޔެ: މިނިވަން މީޑިއާ އާއި ހިޔާލުގައި ތަޅުއަޅުވާ ބިލް ފާސްކުރުން ހުލާސާކޮށް އިއްޔެ: މިނިވަން މީޑިއާ އާއި ހިޔާލުގައި ތަޅުއަޅުވާ ބިލް ފާސްކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ