އަނިޔާގެ ތުހުމަތާ އެކު، ފިރިމީހާ ގޮވައިގެން ސެލީނާ ކޯޓަށް
ބޮލީވުޑްގެ ކުރީގެ ބަތަލާ އަދި މޮޑެލް ސެލީނާ ޖެޓްލީއަށް ފިރިމީހާ ޕީޓަ ހާގްގެ ފަރާތުން ގެވެށި އަނިޔާ ލިބޭ ކަމަށް ބުނެ, އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ. ކައިވެންޏަށް ފަހު ތިން ކުދިން ވެސް ލިބިފައިވާ 44 އަހަރުގެ ސެލީނާ ކައިވެނިކޮށްގެން އުޅެނީ އޮސްޓްރިއާއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ޕީޓަ ހާގްއާއެވެ. އޭޝިއަން ނިއުސް އިންޓަނޭޝަނަލްއާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސެލީނާ ވަނީ މި މައްސަލަ މުމްބާއީގެ ހައިކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން މުމްބާއިގެ ހައިކޯޓުން ޕީޓަ ހާގްއާ ދެކޮޅަށް ރަސްމީ ނޯޓިސް ވަނީ ނެރެފައެވެ. ޕީޓަ ހާގްއާ އެކު ފެށި ޒަވާޖީ ހަޔާތަށް 14 އަހަރުވީއިރު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ބަދަލު އައިސްފައިވާ ކަމަށާއި ދިރިއުޅުމުގައި އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނީ އެކީގައި މުޅި ހަޔާތް ވޭތުކުރާނެ ކަމުގެ ވައުދުވީ ބައިވެރިޔާގެ ފަރާތުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ސެލީނާ ފިރިމީހާ ޕީޓަ އަދި ތިން ކުދިންނާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް ހަމައެއާއެކު ހަޔާތުގައި ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ވަގުތުތަކުގައި ކައިރީގައި ތިބޭނެ ކަމަށް ބުނި ގާތް މީހުން ވެސް ސެލީނާއާ މެދު އަމަލުކުރީ ހީވެސް ނުކުރާހާ ގޯސްކޮށް ކަމަށް ސެލީނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ. މިއީ ސެލީނާގެ ހަޔާތުގައި ނޭނގިހުއްޓާ އައި ވަރަށް ބޮޑު ތޫފާނެއް ކަމަށާއި ނަމަވެސް ހިތްވަރާ އެކު ކެރިގެން އެކަމާ ކުރިމަތިލާނެ ކަމަށް ސެލީނާ ވަނީ ބުނެފައެވެ. ސެލީނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ފިރިމީހާ ޕީޓަގެ ގާތުން ވަރިވާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދީފައެވެ. މިކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހޯދަން ބޭނުންވާނަމަ ސެލީނާގެ ވަކީލުންގެ ޓީމަށް ގުޅައިގެން މައުލޫމާތު ހޯދުމަށާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ބަތަލާ ވަނީ މީޑިއާތަކަށް އެދިފައެވެ. ޕީޓާއާއި ސެލީނާގެ ކައިވެނިކުރީ 2011 ވަނަ އަހަރެވެ. ކައިވެންޏަށް ފުރަތަމަ ލިބުނީ އެއްމާބަނޑު ދެ ކުދިންނެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ބަތަލާއަށް އަނެއްކާ ވެސް އެއްމާބަނޑު ދެ ކުދިން ލިބުނުއިރު އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ވިހެއިތަނާހެން މަރުވެފައެވެ. ދެ މީހުންގެ ކައިވެނީގެ ފުރަތަމަ އަހަރަތަކުގައި އުޅުނީ ވަރަށް ލޯބިންނެވެ. އެހެންވެ، ކުއްލިއަކަށް މި ދެމަފިންގެ ހަޔާތަށް ތޫފާނެއް އައިސް ވަރިއާ ހިސާބަށް މައްސަލަ ގޮސް، ގެވެށި އަނިޔާގެ ތުހުމަތު ޕީޓާއަށް ކުރުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ލިބިފައެވެ. ފިލްމު "ޖާނަޝީން"އިން 2003 ވަނަ އަހަރު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ބަތަލާގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "ނޯ އެންޓްރީ"، "އަޕްނާ ސަޕްނާ މަނީ މަނީ" އަދި "ގޯލްމާލް ރިޓާންސް" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ